ހަނގުރާމަ މެދުކަނޑާލުމާއެކު ތެލުގެ އަގު ދަށަށް
24 ޖޫން 2025 - 11:19

އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށައިފިއެވެ.
މި ގޮތުން ތެލުގެ އަގު %4 އިން ދަށަށް ގޮސްފައިވާއިރު، ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ އުފުލިފައެވެ. އަދި، އެމެރިކާ ޑޮލަރުގެ އަގު ވަނީ ވެއްޓެން ފަށާފައެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އީރާނުން ބުނީ، އެ ޤައުމުގެ ގަޑިން މެންދަމުންއަލިވެ 4 ޖެހުމާ އެކު ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުން މެދުކަނޑައިލާފައިވާނެ ކަމުގައެވެ. ނަމަވެސް، އީރާނުން އަދިވެސް ޙަމަލާތައް ދެމުންދާ ކަމުގައި ޔަހޫދީން ތުހުމަތު ކުރެއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ އިޢުލާނު ކުރުމާ އެކު ތެލުގެ އަގު ވެއްޓި، ހިއްސާގެ ބާޒާރުގެ އަގުތައް އުފުލެން ފަށާފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އަލުން ޙަމަލާ ބަދަލު ކުރަން ފަށައިފި ނަމަ ދުނިޔޭގެ ބާޒާރަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އިންޒާރު ކުރެއެވެ.
މި ވަގުތު ބްރެންޓްގެ އަގު ހުރީ ފީފާއަކަށް 66.02 އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ. މީގެ ކުރިން ބްރެންޓްގެ އަގު އެންމެ ބޮޑަށް ވެއްޓިފައި ވަނީ ޖޫން 11ވަނަ ދުވަހުއެވެ. އެ ދުވަހު، %3.6 އިންސައްތައިން ބްރެންޓްގެ ފީފާއެއްގެ ވަގު ވެއްޓި، 66.02 އެމެރިކާ ޑޮލަރަށް އެރިއެވެ.
މީގެ އިތުރުން ހިއްސާގެ ބާޒާރުގެ އަގުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހިއްސާގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑެއް ކަމުގައިވާ އެސްއެންޑްޕީ 500 ގެ އަގު ވަނީ %1 އިން އުފުލިފައެވެ. މީގެ އިތުރުން، ނެސްޑެކްގެ އަގު ވަނީ %1.3 އިން މައްޗަށް ޖެހިލާފައެވެ. އަދި، ވިލާތުގެ ސްޓޮކްސް 600 ގެ އަގު ވެސް %1.3 ން އުފުލިފައިވާއިރު، ދަތުރުފަތުރާއި އެއަރލައިންތަކުގެ ދާއިރާގެ ހިއްސާގެ އަގުތައް ވަނީ %4 އިން އުފުލިފައެވެ.