logoEN
ޚަބަރު

މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

25 ޖޫން 2025 - 05:22

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.

މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާރު 14 މަސްވެރިއަކަށް ވަނީ ލޯނު ދީފަ އެވެ. އަދި 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގް މަރުހަލާގަ އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން ޖުމްލަ 38 މަސްވެރިން ވަނީ ލޯނަށް އެދި ހުށަހަޅާފަ އެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެއެވެ. އަދި ފުރަތަމަ ފަހަރަށް، މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް އެކުލަވާލެވޭނެއެވެ.

ޕާސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޕާސަނަލް ފައިނޭންސިންގގެ އިތުރުން، ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިންގ، ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އިތުރު ފުރުޞަތުތަކުގެ ސަބަބުން، މަސްވެރިންނަށް އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމިއްލަ ގެދޮރު ގަތުމާއި އިމާރާތްކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓް ބިލްޑިންގ ދާއިރާއަށް ޚާއްސަކޮށްގެން ލޯނު ފެސިލިޓީއެއް ތައާރަފްކުރުމަށްޓަކައި ބޭނުންވާ އެއްބަސްވުން ޑްރާފްޓްކުރެވި، ބޭންކާއިއެކު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާކަމަށް ރައީސް ޑރ.މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

871x217_placeholder