ޖެހޭ ކޮންމެ މީހަކު ކޮށާލާނަމޭ ބުނެ ކަތިވަޅިއެއް ހިފައިގެން އުޅުނު ދެ މީހުން ދޫކޮށްލީ ގޯސްކޮށް - ހައިކޯޓު

25 ޖޫން 2025 - 11:39
"ޖެހޭ ކޮންމެ މީހަކު ކޮށާލާނަމޭ" "ސަންދޯކު ރެޑީކޮށްފައި ބަހައްޓާށޭ" ބުނެ ކަތިވަޅިއެއް ހިފައިގެން ގއ.ނިލަންދޫ މަގުތައް މަތީގައި ސައިކަލް ދުއްވި ދެމީހުން ބަންދު ކުރުމެއްނެތި ކޯޓުން ދޫކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ގއ.ނިލަންދޫ ޢަލީ އިބްރާހިމްއާއި މުޢުމިން ޙަސަންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދިކަމުގެ ތަޙުމަތެވެ. މި ދެ މީހުން އެ ރަށުގެ މަގުތަކުގައި ސައިކަލެއްގައި އުޅުނު ކަމަށާއި މި ދެ މީހުންގެ ތެރެއިން ސައިކަލް ފަހަތުގައި އިން މީހާގެ އަތުގައި ކަތިވަޅިއެއް އޮތްކަން މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުންވެސް އެނގެން އޮތް ކަމަށް ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމުމަށްޓަކައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މައްސަލަ ބެލި ފަނޑިޔާރު ވަނީ ޝަރުތުތަކާއެކު މި ދެ މީހުން ދޫކޮށްލާފައެވެ. ސަބަބެއްކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮތީ މި ދެ މީހުންގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށާއި މި ދެ މީހުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވާނެ ކަމެއްވެސް ނެތް ކަމަށެވެ.
ނަމަވެސް މި މައްސަލަ ހައިކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ޢިއްތިފާޤުން ނިންމާފައިވަނީ މި ދެ މީހުން ކުށް ކުރިކަމަށް ތުޙުމަތު ކުރެވޭ އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ކަތިވަޅިއެއް ހިފައިގެން މަގުތަކުގައި ސައިކަލް ދުއްވާ، މީހުންނަށް އިންޒާރު ދީފައިވާކަން އެނގެން އޮންނާތީ މިއީ މުޖުތަމަޢުގައި އުޅޭ މީހުންގެ ހިތްތަކުގައި އިންތިހާއަށް ބިރުވެރިކަން އުފުދޭނެ ޢަމަލެއް ކަމަށެވެ. އެހެންކަމުން، މި މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކޭ ކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް 2 ދުވަސް ތެރޭގައި ދަށު ކޯޓަށް ހުށަހަޅައިފިނަމަ 24 ގަޑީއިރުގެ ތެރޭގައި މި މީހުންގެ ބަންދާމެދު ގޮތް ނިންމުމަށްވެސް ހައިިކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ކާރު އެކްސިޑެންޓްގައި މީހަކު ނިޔާވުން: ވިސާމްގެ ބަންދަށް ލުޔެއް ނުދިން
9 މަސް ކުރިން
ދިރިއުޅޭ އެޑްރެސް ސާފުނުވާތީ ބޭރުކޮށްލި މައްސަލަ އަލުން ހައިކޯޓަށް
9 މަސް ކުރިން
ބައްސާމް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ހައިކޯޓަށް ބަލައެއް ނުގަތް
9 މަސް ކުރިން