logoEN
ޚަބަރު

ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 ޖޫން 2025 - 07:17

އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ ލަންކާ އާއި ރާއްޖެ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއް ކަމުގައިވެސް އެ ޤައުމުގެ ނޫސް އެޖެންސީ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ޑިސަނަޔަކެ ރިޔާސީ އިންތިހާބު އަނޫރާ ކާމިޔާބު ކުރެއްވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު ޖުމުލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.

ލަންކާގެ ރައީސްކަމަށް އަނޫރާ ޑިސެނަޔަކެ އިންތިހާބުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ. އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.

މިއީ ލަންކާގެ ރައީސްކަމުގެ މަގާމާ ޑިސަނަޔަކެ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު ވާނީ މިދިޔަ އަަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ދަތުރުފުޅަށެވެ.

ރާއްޖެ އާއި ލަންކާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1965 އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder