logoEN
ޚަބަރު

އައްޑޫގައި ގަވާއިދާ ހިލާފަށް އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އާމިނަތު ސަފާއާމިނަތު ސަފާ

26 ޖޫން 2025 - 12:05

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 83 ބިދޭސީން އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި އެ މީހުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތައްތޯ ވަނީ ބަލާފައިކަމަށެވެ.

އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަށްފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ދީގެން މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އައްޑޫގައި ހިންގުނު އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މާލެ ފިޔަވައި އެހެން ސިޓީއެއްގައި ހިންގުނު ފުރަތަމަ އޮޕްރޭޝަނެެވެ.

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ކުރިއަށްދިޔަ މި ރެއިޑް އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވުނު ހާއްސަ މަސައްކަތެކެވެ. އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވިއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވިއެވެ.

ކޮމެންޓް

871x217_placeholder