logoEN
ޚަބަރު

މާލޭގެ ވިޔަފާރި ބަނދަރު، 2027 ގައި ތިލަފުއްޓަށް ބަދަލުކުރަނީ

މާލެ ވިޔަފާރި ބަނދަރު -- ފޮޓޯ/ އަދަދު

މާލެ ވިޔަފާރި ބަނދަރު -- ފޮޓޯ/ އަދަދު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

19 ސެޕްޓެމްބަރު 2024 - 15:57

މާލޭގެ ކޮމާޝަލް ބަނދަރު، 2027 ވަނަ އަހަރު، ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް މިއަދު، ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބައްޓަންކުރުމުގައި މަެރިޓައިމް ދާއިރާއިން ކުރެވެން ހުރި ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ މަތިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން 2027 ވަނަ އަހަރު ނިމޭއިރު، މާލޭގެ ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމުގައި ވަޖީހު ވިދާޅުވިއެވެ.

"ﷲގެ ވާގިފުޅާއެކު މަސައްކަތް ރޭވިފައިވާ ގޮތަށްދާނަމަ 2027 ވަނަ އަހަރު ނިންމާނީ މި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ތިލަފުށީގައި މަސައްކަތް ކުރަމުން،" ވަޖީހު ވިދާޅުވިއެވެ.

undefinedއެމްޕީއެލްގެ ސީއީއޯ ވަޖީހު މުޙައްމަދު ވަޖީހު އިބްރާހިމް --ފޮޓޯ/ އެމްޕީއެލް

އިތުރަށް ވަޖީހު ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނާއި އުތުރުގައި ދެ ޕޯޓު ހުރި ނަމަވެސް، އެތަންތަން ހިންގަނީ ގެއްލުމުގައި ކަމަށެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ އެ ޕޯޓުތަކަކީ ވެސް ފައިދާވާ ޕޯޓުތަކަކަށް ހެދުމަށް ބަދަލުތަކެއް ގެނައުމަށް ވެސް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ފެށި ބަންކަރިންގެ ޚިދުމަތަކީ، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ފެށި މަސައްކަތެއް ކަމުގައި ސަރުކާރުން ބުނެއެވެ. އެ މަަސައްކަތް އެންމެ ފުރަތަމަ އޮފް ޝޯކޮށް ކުރި ނަމަވެސް، އެ މަސައްކަތް ފުޅާކޮށް ޝޯ ބަންކަރިންގެ މަސައްކަތް ކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

undefinedބަންކަރިންގެ ޚިދުމަތް

އެ މަސައްކަތް ކުރާނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިންނެވެ. އެކަމުގައި އެމްޕީއެލް އިން ވެސް އެހީވެއެވެ.

މި ޙިދުމަތް ދިނުމަށް އެސްޓީއޯއިން ބޭނުންކުރާނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދެކެވެ. އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓަކަށް ވާއިރު، އެ ބޯޓަކީ 1،100 ކޮންޓެއިނަރު ވެސް އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. މީގެ އިތުރަށް އެސްޓީއޯ އިން ވަނީ ބަންކަރިންގެ ޙިދުމަތަށް އިތުރު ދެ ބޯޓެއް ވެސް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވަނީ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި ،3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.

ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ރާއްޖޭގެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިން އާގު ބޯޓު ދަތުރުކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ. އެހެން ނަމަވެސް އެ ބޯޓުތަކަށް ވެސް ބަންކަރިންގެ ޚިދުމަތް ހޯދުމަށް ދަތުރުކުރަން ޖެހެނީ ކޮލޮމްބޯގެ ބަނދަރު އަދި އިންޑިޔާގެ ބަނދަރުތަކަށެވެ. އެއީ ރާއްޖެ އޮންނަ "ސަބް އިންޑިޔަން ކޮންޓިނެންޓް"ގައި އެ ޚިދުމަތް ފޯރުކޮށްދެނީ އެ ބަނދަރުތަކުން އެކަނި ކަމަށް ވުމުންނެވެ.

އެހެން ނަމަވެސް ރާއްޖެއިން އެ ޚިދުމަތް ފެށައިގަނެ، އެ ޚިދުމަތުގެ ފުރަތަމަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ކޮމެންޓް

871x217_placeholder