އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު އަތުލައިގެންފި
29 ޖޫން 2025 - 11:59

އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން، ގދ. ތިނަދޫ / ދިލްބަހާރުގެ، އަހުމަދު ނިއުޝަމް (36އ) ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެ އެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމާށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.