އައިޖީއެމްއެޗްގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި ހޮސްޕިޓަލުން ބަޔާނެއް ނެރެފި

29 ޖޫން 2025 - 17:50

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުންދިޔަ އުމުރުން 8 މަހުގެ ތުއްތުކުއްޖެއް ނިޔާވި މައްސަލައާ ގުޅިގެން މީސް މީޑިއާގައި ދެކެވެމުން އަންނަ ވާހަތައް ސާފުކޮށް ދިނުމުގެ ގޮތުން، އެ ހޮސްޕިޓަލުން މިރޭ ބަޔާނެއް ނެރެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވަނީ، މި ހިތާމަވެރި ހާދިސާ ހިނގާފައިވާކަމަށް ފާހަގަކޮށް، އެ ކުއްޖާ ނިޔާވުމުން ހިތާމަކުރާކަމަށާއި، ޢާއިލާއަށް ކެތްތެރިކަމަށް އެދޭކަމަށް ބުނެފައެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން މީސް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ހޮސްޕިޓަލުން ބުނީ، މިހާތަނަށް ބެލިބެލުމުން ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން ބަލައި، މޮނިޓަރކޮށް، އެވަގުތަކު އެދެވޭ ފަރުވާ ދީފައިވާކަމަށެވެ. އަދި ލޭގެ ތަހުލީލުތަކާއި އެހެނިހެން ތަހުލީލުތައްކޮށް ގެންޖެހޭ ބަދަލުތައް ގެނެސްފައިވާކަން އެނގިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ، އެ ޑިޕާޓްމަންޓްގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑަކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލައިފައިވާކަން ރެކޯޑްތަކުން އެނގޭކަމަށެވެ.
ބަޔާނުގައި ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ގެންގުޅޭ އުސޫލުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ޕޭޝަންޓެއް އައިސީޔޫއަށް ބަދަލުކޮށް ފަރުވާދިނުމަށް ޑަކްޓަރުން ލަފާދީފިނަމަ އެކަން ހަމަޖެއްސުމަށް ޑަކްޓަރުންގެ ޓީމުން މަސައްކަތްކުރާނެކަމަށާއި، ހޮސްޕިޓަލްގެ އައިސީޔޫ ފުރިއްޖެ ހާލަތެއްގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޕޭޝަންޓް ބަދަލުކުރުމުގެ ކަންކަން ހޮސްޕިޓަލުން ހަމަޖައްސާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ފާހަގަކުރިގޮތުގައި، ކުޑަކުއްޖަކަށް ނުވަތަ ބޮޑުމީހަކަށް ވެސް ޖެހޭ ހުމަކުން ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ ބައެއް ނުރައްކާތެރި ކަންކަމަކީ ފުރާނައަށް ވެސް ގެއްލުންވެދާފަދަ، އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަމެވެ. އަދި މިފަދަ ބަލިތަކުގައި ކުއްލިއަކަށް ވެސް ހާލަތު ނުރައްކާވާ ހާލަތު އަންނަކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
"މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލްގެ އެތެރޭގެ ތަހްގީގެއްކުރެވި ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެގޮތް ދެނެގަނެވެއެވެ. މި މައްސަލަވެސް މި ހޮސްޕިޓަލުން މިގެންދަނީ އިތުރަށް ބަލަމުންނެވެ. އަދި މައްސަލަ ބަލާބެލުމުގައި ހޮސްޕިޓަލްގައި ބަލިމީހުންނާއި ޢާއިލާކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެކަންކަން ދެނެގަނެވި އެކަންކަން އިސްލާހްކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.