2 ސަރަހައްދެއްގައި ޓެލެ މެޑިސިން ފެށުމަށް ތައްޔާރުވެއްޖެ
2 ޖުލައި 2025 - 10:50

އައިޖީއެމްއެޗާ ހޮސްޕިޓަލްތައް ގުޅުވާލައި، ދެ ސަރަހައްދެއްގައި ޓެލެ މެޑިސިން ފަށަން ތައްޔާރުވެއްޖެ އެވެ.
މިއާއެކު އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ނުވަތަ ދެން ކަންތައް ކުރަންޖެހޭނެ ގޮތެއް ތަރުތީބުވެގެންދާނެއެވެ.

Ad by Hajj Corporation
ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެ މެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. އެކަމުގެ ޓެސްޓު ބުރުތަކެއް މި ހަފުތާގައި ވަނީ ބާއްވައިފަ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ އަމާޒުހުރީ އޯޕީޑީއެއް ކަހަލަ ގޮތަކަށް ޓެލެމެޑިސިން ގެ ހިދުމަތް ހިންގުމަށްކަމަށެވެ.
ސިއްހަތާ ބެހޭ ވުޒާރާގެވެސް ވިސްނުމަކީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެލެ މެޑިސިންގެ ސިސްޓަމް ގާއިމްކުރުން ކަމަށާއި މީގެ ސަބަބުން ބަލި މީހުން ރިވިއުކުރަން ދެ ހަފުތާ ވަންދެން މާލޭގައި މަޑުކުރަން ނުޖެހޭނެކަމަށެވެ.
މީގެ ކުރިންވެސް އެކި ސަރުކާރުތަކުން ވަނީ ޓެލެ މެޑިސިން ފެށުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބައެއް އަމިއްލަ ކުލިނިކްތަކުގެ އިތުރަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވާފައިވާ ކެންސަރު ސެންޓަރުން ވެސް، ރަޖިސްޓްރީވެފައިވާ މީހުންނަށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.