ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ފައިނޭންސް ހޯދުމަށް އިތުރު ލުއިތަކެއް


06 ޖުލައި 2025 - 12:53
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރާ ފައިނޭންސް ހޯދުމަށް އިތުރު ލުއިތަކެއް ސަރުކާރުން ހަމަޖައްސާދީފިއެވެ.މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް މިހާރު ލުއިކޮށްފައިވާކަމަށެވެ.
އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ކުޑަކޮށްފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެކަމަށެވެ. އެހެންނަމަވެސް އަލަށް ދިން ލުޔާއެކު ކަނޑައެޅިފައިވާ މުއްދަތުގައި ގަވައިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ސިސްޓަމުގެ ބޭނުމަކީ މަސްބާނާ ވަގުތުން ފެށިގެން މަސް ކިރާ ސަރަޙައްދަށް ދެވެންދެން މަހުގެ ތާޒާކަން ދެމެހެއްޓުމެވެ. މި ސިސްޓަމުގެ ސަބަބުން މަސްވެރިންނަށް އެއްގަމުން އައިސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައިކަން ފާހަގަކުރެވިފައިވާކަމަށާއި މިގޮތުން އައިސް ހޯދުމަށް މަސްވެރިން ކުރަން ޖެހޭ ދިގު ދަތުރަށް މި ނިޒާމުގެ ދަށުން ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ. މި މަޝްރޫޢު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރުވަނީ ފަހިކޮށްދީފައެވެ.
އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.
އިތުރު ލިޔުންތައް

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދޭ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި
4 މަސް ކުރިން
ވަޒީރު ޝިޔާމް، ޖަޕާނު ސަފީރާ ބައްދަލުކުރައްވައިފި
3 މަސް ކުރިން
ކޮލެޖް އޮފް ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން މެރިން ސައިންސް ޑިގްރީ ހާސިލްކޮށްފި
2 މަސް ކުރިން