logo
Bank of Maldives

Bank of Maldives

ޚަބަރު

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
18 ސެޕްޓެމްބަރު 2025 - 09:03
ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ މަންހަޖު އެކުލަވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ ފައިނޭންސް އީނާސް ނަސީރުއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭއެހީގެ ދަށުން ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދަ ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އަދި މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯރމް ޕްރޮޖެކްޓް)ގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިންވެސްވަނީ މަސްވެރިކަމާއި، މެރިކަލްޗަރ، އަކުއަކަލްޗަރ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕް ދީފައެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗަރގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެއެވެ. މި ކޯހަކީ ކްލާސްރޫމް ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ. ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގައި، ދަރިވަރުން ކިޔަވާނީ މައިގަނޑު 'ކޯރ' މޮޑިއުލްތަކެވެ. އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތިން، ދަރިވަރުންނަށް އިޚްތިޔާރީ މާއްދާތައް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްޗަރ ދާއިރާއިން ޚާއްސަ ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް ޕްރޮގްރާމުން ވަކިވެ، ފުރިހަމަކޮށްފައިވާ ލެވެލްއަށް ސެޓްފިކެޓް ލިބުމުގެ އިޙްތިޔާރުވެސް އޮންނާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ޕްރޮގްރާމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 43 މަހެވެ.

މި ކޯހުގެ މަންހަޖު ތައްޔާރުކޮށް ނިމުމުން، ކޯސް ހިންގާނީ ގައުމީ ޔުނިވާސިޓީއިންނެވެ. މި ކޯހުގައި ޓްރާންސްފޯމް މަޝްރޫޢުގެ ސްޕޮންސަރޝިޕް ގެ ދަށުން ދިވެހިރާއްޖެއާއި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އަންނަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.

މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައި ވީނަމަވެސް އެމަސައްކަތް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ މިމަސައްކަތް ފައްޓަވާފައެވެ.

މި ކޮލެޖަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އުފައްދާފައިވާ ކޮލެޖެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިޚަބަރު | 8 ދުވަސް ކުރިންއެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 15 ދުވަސް ކުރިން