މަސްވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް، "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްފި
20 އޯގަސްޓު 2026 - 09:55

ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.
މުޅި ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ސްކީމްގެ ދަށުން ޚާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ. މި ސްކީމާ ގުޅޭ މައުލޫމާތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

Ad by Hajj Corporation
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ތެރޭގައި ހިމެނެއެވެ.
މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ޓްރާންސްފޯމް ޕްރޮޖެކްޓްގެ މައިގަނޑު މަޤުޞަދަކީ ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމެވެ. 2023 ވަނަ އަހަރު ފަށާފައިވާ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.

-01.jpg&w=3840&q=75)
