މާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ޚިދުމަތް ފަށައިފި


08 ޖުލައި 2025 - 06:47
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ޚިދުމަތް ރަސްމީކޮށް އިފްތިތާޙިކޮށްފިއެވެ. މަސައްކަތުގެ ނިމުން ފާހަގަކުރުމަށް، މާފަރު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް އިފްތިތާޙުކުރީ މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުއެވެ. މި ބޯޓަށް މަރުޚަބާ ކިއުމަށް ވޯޓަރ ސެލިއުޓްއެއްވަނީ ދީފައެވެ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ އެއާޕޯޓާއެކު އަންނަ ކުރިއެރުމުގެ އަމާޒަކަށް ވާންވާނީ މިކަމުގެ ނަފާ ނ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެގޮތް ހެދުންކަމަށެވެ.
"މާފަރު އެއާޕޯޓުން ނ.އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަމައެކަނި އެކިވަރުގެ މަތިންދާބޯޓާއި ޖެޓުތައް ޖައްސައި އުދުހިގެންދާތަން ބަލަން ތިބުމެއް ނޫން. މާފަރު އެއާޕޯޓު ވާންޖެހޭނީ މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރަކަށް. މި އަންނަ ތަރައްގީއަކީ ރައްޔިތުން ހަމައެކަނި ބަލަން ތިބޭ ތަރައްގީއަކަށްވެގެންނުވާނެ. ރައްޔިތުންނަކީ މި ތަރައްގީގެ ބައިވެރިންނަށްވާންޖެހޭނެ."
ގުދުރަތީ ގޮތުން ރީތި ނ.އަތޮޅަކީ މިހާރުވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ އަދަދެއްގެ ރިސޯޓު ހުުރި އަދި އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިންވެސްޓުމެންޓުގެ މަސައްކަތް މިހާރުވެެސް އެ އަތޮޅެއްގައި ހިނގަމުންދާ އަތޮޅެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ރާއްޖެއަށް އަންނަ ތަރައްގީއާއި އިންވެސްޓުމެންޓުތަކަކީ އެ ތަރައްގީއާއި އިންވެސްޓުމެންޓުތަކުން ދިވެހި ޒުވާނުންނަށް ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.
މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2018 ވަނަ އަހަރުގެ ޖަނަވަރީމަހުގައެވެ، އަމަލީ މަސައްކަތް ނިންމައި އެކެއް ޑިސެންބަރު 2019 ގައި އެއާޕޯޓު އޮޕަރޭޝަނަށް ގެނެވުނުއިރު ފުރަތަމަ މަރުހަލާއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 49 މިލިއަން ޑޮލަރު ހަރަދުކުރިއެވެ.
އަދި ދެވަނަ މަރުހަލާގެ މަސައްކަތް 8 ޑިސެންބަރު 2022 ގައި ފަށާފައިވާއިރު އެ މަރުހަލާގައި އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ވައިޑްބޮޑީ މަތިންދާބޯޓަށް ޖެއްސޭ މިންވަރަށް ރަންވޭ ފުޅާކުރިއެވެ. އަދި މީގެ އިތުރުން އެއާފީލްޑުގެ ލައިޓް ސިސްޓަމް އަދާހަމަކޮށް ޖުމްލަ 27 މިލިއަން ޑޮލަރު މަސައްކަތްތަކަށް ހަރަދުކުރެވިފައިވެއެވެ.
މާފަރު އެއާޕޯޓު ތަރައްޤީކޮށްފައިވަނީ އޭ320 އަދި ބޯއިން 737 މަތިންދާބޯޓުތަކަށް ހިދުމަތްދެވޭ ގޮތަށެވެ.
މާފަރު އެއާޕޯޓްގައި މޯލްޑިވިއަންއިން ގާއިމްކޮށްފައިވާ ފިއުލް ފާމްގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެއެވެ. އަދި މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު އަދި ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.
މާފަރު އެއާޕޯޓުގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 މަރުކާގެ ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްގީކޮށްފައެވެ.
ނ. އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށް ވެފައި މާފަރު އެއާޕޯޓުގެ އަޕްގްރޭޑާ އެކު ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެއީ ބޭރުގެ ޓޫރިސްޓުން ދަތުރު ކުރުމަށް ހޭދަވާ ވަގުތު މަދުވެ، ފަސޭހައިން ގުޅުންތައް ގާއިމު ކުރެވޭނެތީ އާއި އެ އެއާޕޯޓުން ފަސިންޖަރުންނާއި މުދާ އުފުލުމުގައި ފަސޭހަ ވާނެތީ އެވެ.