logoEN
ޚަބަރު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ބޮއިންގ 777 ގެ ފްލައިޓެއް ޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

20 މޭ 2025 - 17:03

ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއްގެ ގޮތުގައި، އިއްޔެ އެ އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިންގ 777 ގެ ފްލައިޓެއް ޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ މުހިންމު އޭވިއޭޝަން ހަބަކަށް ހެދުމުގެ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ބޮއިންގ 777 ގެ ފްލައިޓު މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ، އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ޤާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެކެވެ. މީގެ ތެރޭގައި ރަންވޭގެ ޤާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިންގ އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއަރ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ.

ނ. އަތޮޅު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްތަކެއް ގެނެވިފައެވެ. މީގެ ތެރޭގައި 2.2 ކިލޯމީޓަރުގެ ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 13 ޖެޓުގެ ބަދަލުގައި 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ.

2019 ގައި ހުޅުވުނު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ވަނީ 2024 ގެ މެއި މަހު ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރު މި އަޕްގްރޭޑްތައް ނިމި، އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، މިއީ ރާއްޖޭގެ އޭވިއޭޝަން ވިއުގައިގައި މާފަރު އެއަރޕޯޓުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.

މި ތަރައްޤީއާއެކު ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެއެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މި ތަރައްޤީއާއެކު، ރާއ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓް

871x217_placeholder