ސަރުކާރުގެ ޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފި
19 ނޮވެމްބަރު 2025 - 10:53
ޓެކްސީ ހޯދުމަށް އާންމުންނަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި، އެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން އިއުލާނުކޮށްފި އެވެ.
މި ހިދުމަތަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭނެ ގޮތަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ރާވާފައިވާ ހިދުމަތެކެވެ.

Ad by Hajj Corporation
އެމްޓީސީސީން ކުރި އިއުލާނުގައިވާ ގޮތުން، މި ޓެކްސީ ލައިނަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މި އާ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގައި މި ޚިދުމަތް ފެށޭނެކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށް ގެންދާނީ މިހާރު ޓެކްސީ ކުރާ މީހުންނަށް އެއްވެސް ދަތިކަމެއް ނާންނާނެހެން، ޓެކްސީ ޑްރައިވަރުން ބައިވެރިކޮށްގެންކަމަށް ވިދާޅުވިއެވެ.
މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ 12 ފެބްރުއަރީ 2025 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.
ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، މި ޚިދުމަތުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) ކަމަށެވެ. އަދި މިހާރު ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް މި ނިންމުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރެވޭނެއެވެ. އަދި މި ޚިދުމަތާ ގުޅުމުގެ ފުރުޞަތު ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، "ޚިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓްފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ."
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ


