މާލޭގައި އުޅަނދު ރަޖިސްޓަރީކުރުން ކޮންޓްރޯލްކޮށް، ގިނަ އުޅަނދު ގެންގުޅޭނަމަ ފީއެއް ނަގާ ގޮތަށް އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހު 30 ގައި އަމަލުކުރަން ފަށަނީ
4 ސެޕްޓެމްބަރު 2026 - 18:39

މާލެ ސަރަހައްދުގައި އަލަށް ރަޖިސްޓަރީކުރެވޭ އެއްގަމު އުޅަނދުގެ އަދަދު ވަކި މިންވަރެއްގައި ހިފަހައްޓައި، ދެ އުޅަނދަށްވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުން ހާއްސަ އަހަރީ ފީއެއް ދައްކަންޖެހޭ ގޮތަށް ފަރުމާކޮށްފައިވާ އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް (ގާނޫނު ނަންބަރު 16/2026) މި މަހުގެ 30 ވަނަ ދުވަހު އަމަލުކުރަން ފަށާނެ އެވެ.
މިދިޔަ މަހުގެ 31 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި މި ގާނޫނާއެކު، 2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ގާނޫނު (5/2009) އާއި މަގުމަތީގައި ހިނގާއުޅުމާބެހޭ ގާނޫނު (70/78) އުވިގެންދާނެ އެވެ. ސަތޭކަ ފަންސާސް ހަތަރު ސަފުހާގެ މި ގާނޫނުގައި، އުޅަނދު ރަޖިސްޓަރީކުރުމާއި، ލައިސަންސް ދޫކުރުމާއި، އާންމު ދަތުރުފަތުރުގެ ހިދުމަތްތަކާއި، ޓްރެފިކް ކުށްތަކާއި އަދަބުތައް ހިމެނޭގޮތަށް އެއްގަމު ދަތުރުފަތުރުގެ މުޅި ނިޒާމު އަލުން އެކުލަވާލާފައިވެ އެވެ.

Ad by Hajj Corporation
ގާނޫނުގެ އެންމެ ބޮޑެތި ބަދަލުތައް އަމާޒުކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ސަރަހައްދަކީ، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ މުއްދަތަށް "ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއް"ގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ހިންގުމަށް "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާނޫނުން އުފައްދާނެ އެވެ. ބޭނުންވެއްޖެނަމަ އެ މުއްދަތު، އިތުރު ތިން އަހަރަށްވުރެ ދިގުނުވާ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ ރުހުމާއެކު އިތުރުކުރެވިދާނެ އެވެ.
އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މާލެ ސަރަހައްދުގައި އުޅަނދު ރަޖިސްޓަރީކުރުމުގެ ކޯޓާ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އެގޮތުން، ކޮންމެ އަހަރަކު އެ ސަރަހައްދުން ނައްތާލެވޭ ނުވަތަ ރަޖިސްޓްރޭޝަން ބާތިލުކުރެވޭ އުޅަނދުގެ ޖުމްލަ އަދަދުގެ 30 ޕަސެންޓަށްވުރެ އިތުރުނުވާ ގޮތަށް އަލަށް އުޅަނދު ރަޖިސްޓަރީކޮށްދޭން ގާނޫނުގައި ލާޒިމުކުރެ އެވެ. އަދި މާލެ ސަރަހައްދުގައި ރަޖިސްޓަރީކުރެވޭނެ އުޅަނދުގެ އެންމެ މަތީ އަދަދު، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅައި، އެއަށް އަމަލުކުރަން ފެށުމުގެ ހަ މަސް ކުރިން އާންމުކޮށް އިއުލާނުކުރަންޖެހެ އެވެ.
އާންމުންނަށް އެންމެ ބޮޑަށް އިހުސާސްވާނެ އެއް ބަދަލަކީ "މަލްޓިޕަލް ވެހިކަލް އޯނަރޝިޕް ފީ" އެވެ. މާލެ ސަރަހައްދުގައި، އަމިއްލަ ފަރުދެއްގެ ނުވަތަ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓަރީކުރާ އުޅަނދުގެ ޖުމްލަ އަދަދު ދޭކަށްވުރެ އިތުރުވާނަމަ، ނުވަތަ އެއް ބާވަތެއްގެ އުޅަނދުގެ އަދަދު އެކަކަށްވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ އުޅަނދަކަށް، ރަޖިސްޓްރޭޝަން ފީ އާއި އަހަރީ ފީގެ އިތުރުން މި ފީ ދައްކަންޖެހެ އެވެ. މިސާލަކަށް، އިތުރުވާ 100 ސީސީ އާއި 150 ސީސީއާ ދެމެދުގެ ސައިކަލަކަށް އަހަރަކު 1,296 ރުފިޔާ، އަދި 2000 ސީސީން މަތީގެ ކާރަކަށް އަހަރަކު 22,680 ރުފިޔާ ދައްކަންޖެހޭނެ އެވެ. މިހާރު ވެސް މި މިންގަނޑަށްވުރެ ގިނަ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް، އުޅަނދުތައް މިންގަނޑަށް ފެއްތުމަށް ތިން އަހަރުގެ މުހުލަތެއް ލިބޭނެ އެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ ފީތަކާއި ޖޫރިމަނާތަކުން ލިބޭ ފައިސާ ޖަމާކުރާ "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑެއް" އުފައްދައި، އެ ފައިސާ ހަރަދުކުރެވޭނީ ހަމައެކަނި އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަމަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ޓްރެފިކް ފުލުހުން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ހަ މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންޖެހޭއިރު، މާލެ ސަރަހައްދަށް ހާއްސަ "މޮބިލިޓީ ރިފޯމް ޕްލޭނެއް" 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަން ވެސް ލާޒިމުކުރެ އެވެ.
މުޅި ރާއްޖެއަށް ހިނގާ ބަދަލުތަކުގެ ތެރޭގައި، އެއްގަމު އުޅަނދު އިންޝުއަރކުރުން ލާޒިމުކުރުމާއި، ލައިސަންސްގެ ޑީމެރިޓް ސިސްޓަމެއް ތައާރަފުކުރުމާއި، އުޅަނދު ބޭނުންކުރެވޭނެ އުމުރު ކަނޑައެޅުން ހިމެނެ އެވެ. ރަޖިސްޓަރީ ބާތިލުކުރަންޖެހޭ އުޅަނދުތައް ވެރިފަރާތުގެ އަތުން ސަރުކާރުން ގަތުމުގެ ޕްރޮގްރާމެއް، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ މުއްދަތަށް ހިންގުމުގެ ބާރު ވެސް މިނިސްޓްރީއަށް ދީފައިވެ އެވެ.
ކުށާއި އަދަބުގެ ބާބުގައި، އުޅަނދު ދުއްވާއިރު ފޯނު ފަދަ މުވާސަލާތީ ވަސީލަތް ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަޑުގަދަކުރުމާއި، އިންޝުއަރނުކޮށް ދުއްވުން ފަދަ 30 އަށްވުރެ ގިނަ ކުށް ވަކިވަކިން ބަޔާންކޮށް، ޖޫރިމަނާތައް ކަނޑައަޅާފައިވެ އެވެ. އަދި އުޅަނދުގައި އަމިއްލަ ނަންބަރެއް ނުވަތަ އަކުރުތަކެއް ޖެހުމުގެ ހުއްދައަށް، ހަތަރު ފުރޮޅުލީ އުޅަނދަކުން ތިން ލައްކަ ފަންސާސް ހާހާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ ފީއެއް ނެގޭނެ އެވެ.
ކުރީގެ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ރަޖިސްޓްރޭޝަންތަކާއި ލައިސަންސްތައް، މުއްދަތު ހަމަނުވާހާ ހިނދަކު ސައްހަކަމުގައި ދެމިއޮންނާނެ އެވެ. ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަ މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުކުރަންޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލެއް" 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެ އެވެ. އެ ކައުންސިލްގައި ހިމެނެނީ ދަތުރުފަތުރާ ބެހޭ ވަޒީރާއި، ބަންޑާރަނައިބާއި، ދާހިލީ ވަޒީރާއި، އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

-01.jpg&w=3840&q=75)
