ޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއް
7 އޮކްޓޯބަރު 2026 - 19:36

ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު 5 އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު އަމީން އެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތުން ޒުވާނުންނަށް އަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަޤުބަލަކަށް މަގުފަހިކޮށްދިނުމެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޕްރޮގްރާމުގެ ދަށުން ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން އަމަލީ މަސައްކަތްތައް ދަސްކޮށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއް ލިބޭނެ ކަމަށާއި، ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ރަސްމީކޮށް ޤަބޫލުކުރެވޭ ސަނަދެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދާއިރާގައި ދެމެހެއްޓެނިވި ވަޒީފާގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.
މި އިސްނެގުމުގެ ޚާއްސަ އެއް އަމާޒަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އިތުރުކުރުމެވެ. މިގޮތުން ދެ ވުޒާރާ ގުޅިގެން ސިނާޢަތުގެ ފަރާތްތަކާ މަޝްވަރާކޮށް، ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށާއި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަކީ ކޮންމެ ދިވެއްސެއްގެވެސް ހިއްސާ އޮތް ދާއިރާއެއް ކަމަށެވެ. އަދި މި ފަހުމުނާމާގެ ސަބަބުން ޒުވާނުންނަށް، ޚާއްސަކޮށް ޒުވާން އަންހެނުންނަށް މަސައްކަތުގެ މާހައުލުން އަމަލީ ތަޖުރިބާ ހޯދައި، އާމްދަނީ ލިބޭ ގޮތަށް ތަމްރީނުވުމުގެ ރަނުގެ ފުރުސަތެއް ފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤުތިސާދުގެ މައިބަދަކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމެކެވެ. މި ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށާއި ސިނާޢަތުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރާއިރު، ޒުވާނުންގެ މެދުގައި ޕްރޮގްރާމް އިޝްތިހާރު ކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސް ކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިންނެވެ.

-01.jpg&w=3840&q=75)
