މި މަހުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 34 ކްރޫޒްލައިނާ ދަތުރުކުރާނެ
22 ނޮވެމްބަރު 2026 - 08:02

ދިވެހިރާއްޖެއަށް މި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްރޫޒް ލައިނާތަކުގެ 34 ދަތުރު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ސީޒަނުގެ ދަތުރުތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮސް، އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރުތަކުގެ ތެރޭގައި "ކޯޑީލިއާ އެމްޕްރެސް"ގެ ތަކުރާރު ދަތުރުތަކުގެ އިތުރުން، "މައިން ޝިފް 6"، "އައިޑާސްޓެލާ"، "ވިލާ ވީ އޮޑިސީ" އަދި "ސެވެން ސީޒް ވޮޔޭޖާ" ފަދަ އުޅަނދުތަކުގެ ދަތުރުތައް ހިމެނެއެވެ.
ސީޒަން ފެށުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު އެންމެ ފުރަތަމަ އަންނާނީ ކޯޑީލިއާ އެމްޕްރެސްއެވެ. އޭގެ ފަހުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:00 އަށް މައިން ޝިފް 6 އައިސް، އެ ދުވަހުގެ އިރުއޮއްސި 7:00 ގައި ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑިސެންބަރު މަހުގެ ތެރޭގައިވެސް ގަވާއިދުން އުޅަނދުތައް އަންނަ އިރު، ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކައިރިކައިރީގައި ގިނަ އުޅަނދުތަކެއް އަންނާނެއެވެ. މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނައިން އަންނަ އުޅަނދަކީ ކޯޑީލިއާ އެމްޕްރެސް ކަމަށް ވާއިރު، އެ އުޅަނދުގެ 16 ދަތުރެއް ތާވަލުގައި ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ ދަތުރުތަކަށް ބަލާއިރު، ސެވެން ސީޒް ވޮޔޭޖާ 23 ފެބްރުއަރީގައި އައިސް، ޖެހިގެން އަންނަ ދުވަހު ފުރާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ. އަދި މާޗް މަހު އަންނަ އުޅަނދުތަކުގެ ތެރޭގައި އެމްއެސް ވޮލެންޑަމް، ކޮސްޓާ ޑެލިޒިއޯސާ، ވައިކިން ސްކައި، ސިލްވާ ޑޯން، އާޓާނިއާ އަދި ސެވެން ސީޒް ނެވިގޭޓާ ހިމެނެއެވެ. މީގެ އިތުރުން، އޭޕްރީލް މަހު ވަސްކޯ ޑަ ގާމާ-ނިކޯ އާއި ސެވެން ސީޒް ސްޕްލެންޑާ އަންނަ އިރު، އޯޝޭނިއާ ވިސްޓާ އަންނަ ގޮތަށް އޮތީ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 7:00 އަށެވެ. އަދި އެ އުޅަނދު އެ ދުވަހުގެ ރޭގަނޑު 11:00 ގައި ފުރާނެ ކަމަށް ތާވަލުގައި ބަޔާންކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ފަހު ކޮޅާއި ކުރީކޮޅު ރާއްޖެއަށް ކުރޫޒު ލައިނާތައް އާދެއެވެ.

-01.jpg&w=3840&q=75)
