ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
2 ސެޕްޓެމްބަރު 2026 - 04:41

ރާއްޖޭގެ ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫ އަދި ބ. ކިހާދޫގައެވެ.
މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޙަމީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
ކެލާ، ބަނޑިދޫ، ކިހާދޫ އަދި މުރައިދޫގައި ކުރިއަށްދާނެ މަސައްކަތްތައް
މި މަޝްރޫއުތަކުގެ ތެރެއިން ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 8.56 ހެކްޓަރުގެ ބިން ހިއްކުމާއި، 266 މީޓަރުގެ އެއްގަމުތޮށި ލުމާއި، 692 މީޓަރުގެ ހިލަ ރިވެޓްމެންޓް އަދި 620 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން 132 މީޓަރުގެ ގްރޮއިން ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓާ ހެދުމާއި، 180 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއްގެ އިތުރުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު 210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރިއިރު، އެ ރަށުގެ ބަނދަރު 3.5 މީޓަރަށް އަދި ނެރު 4 މީޓަރަށް ފުންކުރުމުގެ އިތުރުން 170 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ރަށުގައި 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ލުމާއި، 17،300 ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ބެކްފިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

-01.jpg&w=3840&q=75)
