މާލެ ސިޓީ ކައުންސިލުގެ ދަށުގައިވާ 14 ބިމެއް ސަރުކާރަށް ނަގައި، އެތަންތަނުގައި ހިންގާނެ މަޝްރޫޢުތައް އިއުލާނުކޮށްފި
15 އޮކްޓޯބަރު 2026 - 14:17

މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގައި، އެ ސަރަޙައްދުތަކުގައި ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއުތައް ހައުސިންގް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމަކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ބިންތައް ނަގަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުގެ އިހުތިސާސުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް ފަހު ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ސަރުކާރަށް ނަގާ ބިންތަކާއި ހިންގާނެ މަޝްރޫޢުތައް:
- ސަލްޓަން ޕާކު / މިއުޒިއަމް އޭރިއާ: އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކެއް ހެދުން.
- މަސް މާރުކޭޓު: އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތަކަށް ބަދަލުކުރުން.
- ލޯކަލް މާރުކޭޓު: ޒަމާނީ މާރުކޭޓު ކޮމްޕްލެކްސެއް ތަރައްޤީކުރުން.
- ދަތުވެރިންގެ މާރުކޭޓު: މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް މަޝްރޫޢެއް ހިންގުން.
- މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން: ލޭބަރ އެކަމަޑޭޝަން އަދި ސްޓޯރޭޖް ފެސިލީޓީއެއް ހެދުން.
- ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ޑޭ ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ހެދުން.
- ކާނިވާ ކެފޭ ޕާކިން އޭރިއާ: ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ޚާއްޞަކުރުން.
- އާރޓިފިޝަލް ބީޗު: ޕަބްލިކް ރެކްރިއޭޝަނަލް ފެސިލީޓީއެއްގެ ގޮތުގައި ތަރައްޤީކުރުން.
- މަސްވެރިންގެ މައިޒާން: މިހާރުވެސް ބޭނުންކުރާގޮތަށް އެމްޑަބްލިއުއެސްސީ ޕަމްޕް ސްޓޭޝަންގެ ގޮތުގައި ބެހެއްޓުން.
- ތައިސޭކޮށީގައިވާ ހުސްބިންތައް: ތަފާތު މަޝްރޫޢުތަކުގެ ވޯކް ސައިޓަކަށް ބޭނުންކުރުން.
- ޕޭ ޓޮއިލެޓް 2: ޕަބްލިކް ފާހަނާއާއި އެކަމާ ގުޅޭ ޚިދުމަތދޭ ފެސިލީޓީއެއް ހެދުން.
- ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން: އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލީޓީއެއް ޤާއިމުކުރުން.
- ބޮނޑިބަތް ޕާކު: ޕާކިން އިމާރާތަކާއި ވިޔަފާރި ބޭނުންތަކަށް ޚާއްޞަ ތަނެއް ހެދުން.
- ރަސްފަންނު: ތަނުގެ ހިންގުން ސަރުކާރުގެ ދަށަށް ބަދަލުކުރުން.
ސަރުކާރުން މި ބިންތައް ނަގަން ނިންމާފައިވަނީ ހުސްކޮށް ހުރި ބިންތައް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތަކަށް ބޭނުންކޮށް، މަޝްރޫޢުތައް ހިންގުމަށާއި، މިހާރު ހުރި ޕާކުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަން ލިޔުމުން އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

-01.jpg&w=3840&q=75)
