މިފްކޯ ބްލެކްލިސްޓުކޮށްފައިވާ ކަމަށް ޗެނަލް-13 އިން ފެތުރި ޚަބަރަކީ ދޮގެއް: ވަޒީރު ޝިޔާމް

10 ޖުލައި 2025 - 16:40

ދިވެހި ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންނާއި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ބްލެކްލިސްޓުކޮށްފައިވާ ކަމަށް ބުނެ ޗެނަލް-13 އިން ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
''ޗެނަލް-13'' ވަނީ ''ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓުކޮށް "ބޭން"ކޮށްފި'' މި ސުރުޚީގެ ދަށުގައި މިފަދަ ޚަބަރެއް ގެނެސްފައެވެ. މި ޚަބަރު ދޮގުކުރައްވައި ވަޒީރު ޝިޔާމް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ. މި ދޮގު ޚަބަރާ ދެކޮޅަށް ހެއްކެއްގެ ގޮތުން ވަޒީރު ފާހަގަކުރެއްވީ، އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އަންނާނެ ކަމެވެ.
މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި އެތައް އާއިލާއެއްގެ ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު، މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. މިފަދަ ޚަބަރުތައް ފެތުރުމުން މަސްވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.