އަބްދުއްރަހްމާނުގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއްނުކުރޭ
14 ޖުލައި 2025 - 06:03

އއ. މާޅޮސް، އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމުގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.
މެންދުރަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހާދިސާއާ ގުޅިގެން އަދި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން މިހާރުވަނީ އަބްދުއްރަހްމާނުގެ ހަށިގަނޑު މާލެ ގެނެސްފައެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާގޮތުގައި އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުމީހުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަމަަށް އާއިލާއިންބުނެފައިވެއެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިމައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ.