ފޭކް ސްލިޕް ހަދައިގެން ހީލަތް ހެދި ދެމަފިރިންގެ އަތުން ބައެއް ފައިސާ އަނބުރާ ހޯދައިފި

16 އޭޕްރީލު 2025 - 09:28
ފޭކް ސްލިޕްތައް ހަދައިގެން މުދާ ހޯދައި، ފައިސާގެ މަކަރަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ހައްޔަރުކުރި ޒައިދާން މުޙައްމަދު ހާޝިމް އާއި އޭނާގެ އަންހެނުން އަފްރިން އަކްތަރު އަތުން ބައެއް ފައިސާ އަނބުރާ ހޯދައިފިއެވެ.
އެ ދެމަފިރިން މިހާރު ދޫކޮށްލާފައިވާއިރު، ފުލުހުން ބުނި ގޮތުގައި، މިދިޔަ މަހު ޒައިދާން އާއި އޭނާގެ ބަންގްލަދޭޝް އަންހެނުން އަފްރިން އަކްތަރު ހައްޔަރުކުރީ ފިހާރަތަކަކުން 36،000ރ. އަށް ވުރެ ގިނަ މުދާ ފޭކް ސްލިޕް ބޭނުންކޮށްގެން ނެގި މައްސަލައެއްގައެވެ.
މީގެ އިތުރުން، މީގެ ކުރިންވެސް ޒައިދާންވަނީ 9،000ރ. ގެ ފޭކް ސްލިޕް ބޭނުންކޮށްގެން ރެސްޓޯރެންޓަކުން ކާބޯތަކެތި އޯޑަރުކުރި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ދެމަފިރިން ހީލަތް ހަދައިގެން ވިޔަފާރިތަކުން ގެއްލުންވި 80،000 އަށް ވުރެ ގިނަ ރުފިޔާ ވެރިފަރާތްތަކަށް އަނބުރާ ހޯދައި ދިނުމަށްފަހު، އެމީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުކުރުމަށް ނުފެންނާތީއެވެ.
މަކަރާއި ހީލަތުން ހޯދި ތަކެތި ފުލުހުން ވަނީ ޒައިދާން ހިޔާ ފްލެޓުގައި ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓުން ހޯދާފައެވެ.
ޒައިދާންގެ މައްޗަށް މަކަރާއި ހީލަތުން މުދަލާއި ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުންދާ އިރު، ދެ މައްސަލައެއްގެ ޝަރީއަތް މިވަގުތުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
ޒައިދާން މީގެ ކުރިން 2022 ވަނަ އަހަރު ވެސް ވަނީ ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.