24 ގަޑިއިރުގެ ތެރޭގައި 78 މީހުން ޝަހީދުކޮށްލައިފި، ހަނގުރާމަ ހުއްޓުމުގެ މަޝްވަރާތައް ލަސްވަނީ
15 ޖުލައި 2025 - 06:25

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިސާރުކޮށްފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ 78 މީހުން ޝަހީދުކޮށްލައިފިއެވެ.
މީގެ ތެރޭގައި އެހީ ހޯދަން އުޅުނު އެތައް ބަޔަކު ހިމެނެއެވެ. މިއާއެކު މިހާތަނަށް ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އިން ހިންގާ އެހީ ބަހާ މަރުކަޒުތަކުގެ ކައިރީގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނު މީހުންގެ އަދަދު 838 އަށް އަރައިފިކަމަށް ވަފާއިން ރިޕޯޓުކޮށްފައިވެއެވެ.
މިއާއެކު ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން، އެ ސަހަރުގެ ދެކުނުގައި އޮންނަ ރަފަޙްއަށް ޖަމާކުރުމުގެ ރޭވުމުގެ ދަށުން، ރަފަޙްގައި ހުރި އިމާރާތްތައް ތަޅައި، ބިމާހަމަކުރަން ޔަހޫދީން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށް އަލް ޖަޒީރާ ނޫހުން ވަނީ ބުނެފައެވެ.
ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މުޅި ޣައްޒާ އެމެރިކާއިން އަތްދަށުކޮށް، ޣައްޒާގެ ރައްޔިތުން ބާލަން ޓްރަމްޕް މީގެކުރިން ހުށަހަޅުއްވާފައިވާ ޕްލޭނަށް އަނެއްކާވެސް ތަޢުރީފުކޮށްފައެވެ.
ޣައްޒާގައި ހަމަލާތައް މެދުކަނޑައިލަން ޙަމާސް އާއި ޔަހޫދީންނާ ދެމެދު ޤަތަރުގައި މަޝްވަރާތައް ކުރެވެމުންދާއިރު މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި މަޑުޖެހިފައި ވަނީ، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ބޭލުމަށް އިންކާރު ކުރަމުންދާތީއެވެ.
ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށްވުރެ އިތުރުވާނެ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި މައުސޫމު ކުޑަކުދިންނެވެ.