މީދޫގައި ޤާއިމު ކުރާ އައިސްޕްލާންޓް އަންނަ މަހު ބޭނުން ކުރަން ފެށޭނެ
15 ޖުލައި 2025 - 10:12

ދ. މީދޫގައި ޤާއިމު ކުރާ އައިސްޕްލާންޓްގެ ސިވިލް ވޯކްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަންނަ މަހުގެ ތެރޭގައި މި އައިސްޕްލާންޓް ބޭނުންކުރަން ފެށޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މި އައިސްޕްލާންޓްތަކަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
ށ. ފުނަދޫގައި އަޅާ އައިސްޕްލާންޓް ސިވިލް ވޯކްގެ މަސައްކަތް މިހާރު ނިމިފައިވާއިރު ތައްޔާރުވަމުންދަނީ އައިސްޕްލާންޓް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މި އައިސްޕްލާންޓް ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދ. ބަނޑިދޫގައި އަޅާ އައިސްޕްލާންޓްގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ސިވިލް ވޯކްގެ މަސައްކަތެވެ. މި އައިސްޕްލާންޓް އޮކްޓޯބަރ މަހުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެއެވެ.

Ad by Hajj Corporation
މި އައިސްޕްލާންޓްތަކަކީ 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނަ އައިސްޕްލާންޓްތަކެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރު އަދި އިތުރު 2 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ. އެއީ ޅ. ނައިފަރާއި މ. މުލަކެވެ.
ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.


