ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ސަފީރު ވިދާޅެއްނުވޭ
16 ޖުލައި 2025 - 13:58

ފޯޅަވަހި ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްނުކުރާ ކަމަށް ސަރުކާރުގެ ފަރާތުން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުންގައި ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ސަފީރު ވިދާޅުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއްކަމަށެވެ.
ޔޫރަޕިއަން ޕާލަމެންޓުގައި ސަފީރު ޤީލާ އަލީއާއި ސުވާލުކުރެވުނީ ޗާގޯސް ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމާއި ގުޅޭގޮތުންކަމަށާއި އަދި އެކަމަނާގެ ޖަވާބުގައި ރާއްޖެއިން ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ނުވަތަ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ހުރުމާއި މެދު ސުވާލުކުރެއްވުމުން ސަފީރު ދެއްވި ޖަވާބުގައި، ވިދާޅުވެފައިވަނީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މާކުރިއްސުރެ ޤާއިމުވެފައި ހުންނަކަންކަމަށާއި އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުންކަމަށް ވިދާޅުވިކަމަށެވެ.
ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުންކަމަށާއި މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.