ސަމާލުވޭ! ދުބާއީ ޕޮލިހާއި ސީއައިޑީ ފަދަ ނަންނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަނީ

16 ޖުލައި 2025 - 19:09

ދުބާއީ ޕޮލިހާއި ސީއައިޑީ އާއި އެހެނިގެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލްތަކެއް ކުރަމުން އަންނާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިކަމުގެ އިންޒާރު ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އަންގާރަ ދުވަހު ނެރުނު ސަމާލުވުމުގެ ޕޯސްޓެއްގައި ދީފައެވެ.
އެންޓި ސްކޭމް ސެންޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، ދުބާއީ ޕޮލިހާއި، ސީއައިޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ވަނީ އެ ސެންޓަރުގެ ސަމާލުކަމަށް އައިސްފައެވެ.
މިފަދަ ފަރާތްތަކުން އާއްމުކޮށް ބޭނުންކުރާ ނަންބަރުތަކުގެ ތެރޭގައި +971 58 532 2946 ފަދަ ނަންބަރުތަކާއި، [email protected] ފަދަ އީމެއިލްތައް ހިމެނެއެވެ.
މި ނަންބަރުތަކާއި އީމެއިލްތައް ބޭނުންކޮށްގެން ސްކޭމަރުން މަސައްކަތް ކުރަމުންދަނީ، ވީޑިއޯ ކޯލްތަކުގެ ޒަރީއާއިން ޒާތީ މަޢުލޫމާތާއި، ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތު ހޯދުމަށެވެ. އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުހިންމު އިރުޝާދުތަކެއް ދީފައެވެ.
މިކަމަށް ސަމާލުވެ ތިބުމަށް އެންޓި ސްކޭމް ސެންޓަރުން ދީފައިވާ އިރުޝާދުތައް:
- ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްގައި އެއްވެސް ސެންސިޓިވް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެކަން ހަނދާންކުރައްވާ!
- އެއްވެސް ހާލެއްގައި އޯޓީޕީ (OTP)، ޕާސްވޯޑް ނުވަތަ ބޭންކް މަޢުލޫމާތު މިފަދަ ފަރާތްތަކަށް ހިއްސާނުކުރައްވާ!
- ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑާލައްވާ!
އެހެންކަމުން މިފަދަ ސްކޭމްތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، މި މެސެޖް ގިނަ ބަޔަކާ ހިއްސާކޮށްދިނުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ. އަދި އާއިލާއާއި ރައްޓެހިން މިފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށް ވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ފުލުހުން އަންނަނީ ރައްޔިތުން މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައި، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.