ރަތްމަންދޫން ޓޫރިޒަމަށް ބިން ދޫކުރަނީ، 10 މިލިއަން އިންވެސްޓްކުރާނަމަ 50 އަހަރު ލިބޭނެ
17 ޖުލައި 2025 - 08:59

މުލަކު އަތޮޅު ރަތްމަންދޫން ޓޫރިޒަމަށް ބިންދޫކުރުމާ ގުޅޭ އުޞޫލު އެކުލަވާލާ ގެޒެޓް ކޮށްފިއެވެ.
އެގޮތުން ރަށުގެ ކޮމާޝަލް ސަރަހައްދު އަދި ޓޫރިޒަމް ސަރަހައްދުގައި ހުރި ބިންތައް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޓުއަރިޒަމް ރަށުގައި ކުރިއަރުވައި އެ ސިނާޢަތުން މުޖުތަމަޢަށް ލާބައާއި މަންފާ ހޯދައިދިނުމުގެ އިތުރުން ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި، ރަށަށް ލިބިފައިވާ ޚާއްސަ ގުދުރަތީ މާހައުލު އެގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމާއެކު ރަށުގައި ލޯކަލް ޓުއަރިޒަމްގެ ދާއިރާ ކުރިއަރުވަން ބާރުއެޅުމަކީ މި އުޞޫލުގެ މަޤްޞަދުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި އުޞޫލުގެ ދަށުން 5000 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބިން ދޫކުރާނެ މުއްދަތުތަކެއް އުޞޫލުގައި ކަނޑައަޅާފައިވާއިރު،
އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އަށް ވުރެ ކުޑަނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 10 (ދިހައެއް)އަހަރު.
އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އާއި 5،000،000 (ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 20 (ވިހި)އަހަރު.
އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 5،000،000 (ފަސް މިލިޔަން ރުފިޔާ) އާއި 10،000،000 (ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 30 (ތިރީސް)އަހަރު.
އަދި އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 10،000،000 (ދިހަ މިލިޔަން ރުފިޔާ) އަށް ވުރެ ބޮޑު ޢަދައެއްނަމަ ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 50 (ފަންސާސް)އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
ހަމައެހެންމެ، މި އުސޫލުގެ ދަށުން ދޫކުރެވޭ ބިމެއްގައި ކުރާ ޢިމާރާތްތައް 80 ފޫޓަށް ވުރެ އުސްވެގެން ނުވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އަށް ވުރެ ކުޑަނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް)މަސް، އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އާއި 5،000،000 (ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 (ބާރަ)މަސް، އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 5،000،000 (ފަސް މިލިޔަން ރުފިޔާ) އާއި 10،000،000 (ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 (އަށާރަ)މަސް، އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 10،000،000 (ދިހަ މިލިޔަން ރުފިޔާ) އަށް ވުރެ ބޮޑު ޢަދައެއްނަމަ ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 24 (ސައުވީސް)މަސް، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވެއެވެ.