ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލު ބައްޓަންކުރުމަށް އިނގިރޭސި އިންވެސްޓަރުންނަށް ދައުވަތު
17 ޖުލައި 2025 - 16:25

ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލު ބައްޓަންކުރުމަށް އިނގިރޭސި އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ދައުވަތުދެއްވީ އިނގިރޭސި ވިޔަފާރިތަކަށް ހާއްސަކޮށްގެން ރާއްޖެއިން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލު ބައްޓަންކުރުމަށް، މުހިންމު 5 އިސްތިރާހީ ދާއިރާއަކުން އިނގިރޭސި އިންވެސްޓްމަންޓުތަކަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ދެ ޞިނާޢަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އިނގިރޭސި ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު އެކަނިވެސް 180،000 އަށްވުރެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައިވާކަމަށެވެ.
ހަމައެއާއެކު، މަސްވެރިކަމުގެ ސިނާއަތުގައި ވެސް އިނގިރޭސި މާކެޓަކީ ފާހަގަކޮށްލެވޭ މާކެޓެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި މަހުގެ އުފެެއްދުންތަކުގެ ތެރެއިން އަހަރަކު 20 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް ބެލިނަމަވެސް ކަން އޮތީ އެފަދައިންކަމަށާއި ސަރުކާރުން އުފެއްދުންތެރި ޞިނާޢަތްތަކާއި، އުމްރާނީ ތަރައްޤީއާއި، އިންސާނީ ވަސީލަތްތަކާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ހާއްސަ އިސްކަމެއްދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
އުފެއްދުންތެރި ދާއިރާގައި ސަރުކާރުގެ ލަނޑުދަނޑިއަކީ 2030 ވަނަ އަހަރާ ހަމައަށް އުފެއްދުންތެރި ޞިނާޢަތްތަކުން ޖީޑީޕީގެ މަދުވެގެން 15އިންސައްތަ ހިއްސާކުރުންކަމަށާއި ޒުވާންނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި ދިވެހި ހުނަރުވެރިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ރޮނގުން ޒުވާނުން ބިނާ ކުރުމަށް އިންވެސްޓުކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައިކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އައު އީޖާދުތަކަށް މަގުފަހިކޮށްދޭ ސްމާޓް ދައުލަތެއް ޤާއިމުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، ސޮފްޓްވެއަރ ފޯރުކޮށްދޭ ފަރާތްތަކާއި، އީ-ގަވަރނަންސްގެ މާހިރުންނާއި، ސައިބަރ ސެކިއުރިޓީ ކުންފުނިތަކަށް ޑިޖިޓަލް މުސްތަޤުބަލެއް ބިނާކުރުމުގައި ބައިވެރިވުމަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
2028 ވަނަ އަހަރާ ހަމައަށް ޤައުމުގެ ކަރަންޓުގެ ބޭނުމުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް 100 މެގަވޮޓްގެ ފްލޯޓިްލޯޓިންގ ސޯލާ ޕްރޮޖެކްޓަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ހުއްދަ ދޫކޮށްފައިވާކަން ހާމަކުރައްވައި މި ޕްރޮޖެކްޓުން އެކަނިވެސް ތެޔޮ އިމްޕޯޓްކުރުމަށް ކުރާ ޚަރަދުން އެތައް މިލިއަން ޑޮލަރުރެއް ސަލާމަތްވާނެކަމަށް ބެލެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ސާފު ހަކަތައިގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ކުންފުނިތަކަށް ރާއްޖޭގައި މި ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވައި މެރިކަލްޗަރއާއި ދެމެހެއްޓެނިވި އެކުއަކަލްޗަރއާއެކު މަސް ޕްރޮސެސްކުރުން ފުޅާކޮށް އާންމު ކަނޑުމަހުގެ މަސްވެރިކަމަށް އަގު އިތުރުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް އިތުރުކުރުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފަސް ސަރަޙައްދެއްގައި މެރިކަލްޗަރ ސައިޓްތައް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފްރޮމް މޯލްޑިވްސް ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ދިވެހި ސަރުކާރުން ތައާރަފުކުރުމާ ގުޅިގެން އެކަމުގެ މުހިންމުކަމަާއި މި ބުރޭންޑުގެ ސަބަބުން ދިވެހި އުފެއްދުންތަަކަށް އޮތް އިތުބާރު ބޮޑުވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
އިންވެސްޓްމަންޓްތަކަށް ހުއްދަ ދިނުމުގެ ކަންކަން ފަސޭހަކޮށް އަދި އިންވެސްޓަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ފޮރިން އިންވެސްޓްމަންޓް އެކްޓަށް ޒަމާނީ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާފައި ޚާއްސަ އިޤްތިސާދީ ސަރަހައްދުތައް އަލުން ބޭނުންކުރަން ފެށުމުން، ވަކި ދާއިރާތަކަށް ޚާއްސަ އިންތިޒާމުތައް ފަސޭހަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމާސްއާއެކު އަލަށް ސޮއިކުރެވުނު އެމް.އޯ.ޔޫ. އަކީ، އިނގިރޭސިވިލާތާއި ރާއްޖޭގެ ވިޔަފާރި ގުޅުންތަކަށް ބޭނުންވާ މުއައްސަސާގެ އޮނިގަނޑެއް ފޯރުކޮށްދޭނެ އެއްޗެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ މި ފޯރަމްގެ މަޤްސަދަކީ ހަމައެކަނި އިންވެސްޓްމަންޓްތައް ހޯދުން ނޫންކަމަށާއި ދިވެހިރާއްޖޭގެ މުސްތަޤްބަލު ބައްޓަންކުރާނެ ދެމެހެއްޓެނިވި، އީޖާދީ ބައިވެރިވުންތައް ގާއިމުކުރުންކަމަށް ވިދާޅުވެފައެވެ. މި ބަދަލުގެ ދަތުރުގައި ބައިވެރިވުމަށް އިނގިރޭސި ވިޔަފާރިތަކަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.