logo
E-Platinum
ރިޕޯޓް

ވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2025 - 08:33
ވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން  ޓްރާންސިޝަން މަރުޙަލާގައި އެންމެ ފުރަތަމަ ވެސް ޒިޔާރަތްކުރެއްވި ތަނަކީ، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އެވެ.

އެދުވަހު އެމަނިކުފާނު ވިދާޅުވީ އެއީ އެންމެ މުހިންމު މަޝްރޫޢު ކަމަށެވެ. އެމަނިކުފާނު އެދުވަހު އިޝާރާތްކުރެއްވީ އެ އެއާޕޯޓްގައި ހަދަމުން އަންނަ އައު ޓާމިނަލަށެވެ. އެދުވަހު އެމަނިކުފާނުގެ ޕްރޮފެޝަނަލް ބެކްގްރައުންޑުން، އިންޖިނިއަރިންގ ބެކްގްރައުންޑްގެ އެހީގައި އެތަން ބެއްލެވިއެވެ. އެއަށްފަހު ވެރިކަން ފެށުމާއެކު އެންމެ އިސްކަމެއް ދެއްވީ ފިނިހަކަ ދުވެލީގައި އޮތް މަސައްކަތް މެކުހައް ޖެއްސެވުމަށެވެ. އެކަން ހާސިލްވެ އެ އެއާޕޯޓްގެ އައު ޓާމިނަލް މިހާރު މިވަނީ މި މަހު 26 ގައި ހުޅުވަން ތައްޔާރުވެފައެވެ.

ވީއައިއޭ ގެ އައު ޓާމިނަލް ހުޅުވުމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި، ވިޔަފާރިއާއި، ޢާންމު ހިދުމަތްތައް ހަރުދަނާކޮށް، ޤައުމީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދޭނެ މަޝްރޫޢެކެވެ.

ކެޕޭސިޓީ އަށް ބޮޑު ބަދަލެއް

ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށް ނަމަވެސް އައު ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އެއިރުން މިހާރު ހުރި ޓަރމިނަލުން ޚިދުމަތް ދެމުންދާ އޯވަރ ކެޕޭސިޓީގެ މައްސަލައަށް ނިމުމެއް އަންނާނެއެވެ.

ހިދުމަތްތަކުގެ ފެންވަރަށް ވެސް ބޮޑު ބަދަލެއް

އައު ޓާމިނަލުގައި ހިމެނޭނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތްތަކެވެ. މިގޮތުން ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބި، އެއަރޕޯޓްގެ ތަޖުރިބާ ހަރުދަނާވެގެންދާނެއެވެ. ލަގްޒަރީ ލައުންޖްތަކާއި، ވިޔަފާރިކުރާނެ ތަންތަނާއި، ކެފޭ ރެސްޓޯރެންޓްތަކުން ފަސިންޖަރުންނަށް މޮޅު ހިދުމަތްތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވުމަށް މަގުފަހިވާނެއެވެ.

ފަތުރުވެރިކަން ބޫސްޓްކޮށްލުމަށް އައު ފެށުމެއް

އައު ޓާމިނަލާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އެކި ގައުމުތަކުން ފަތުރުވެރިން ގެނައުމަށް ފުރުސަތުތައް ފަހިވާނެއެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް އާ އާމްދަނީތަކެއް ލިބި، މި ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެއެވެ. ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްރާއިރު، އައު ޓާމިނަލާއެކު މިއަދު އެތައް ގުނައެއްވުމަށް ދޮރު ހުޅުވިގެން ދިޔައީއެވެ.

ވަޒީފާގެ ފުރުސަތުތައް ބޮޑުތަނުން އިތުރުވުން

އައު ޓާމިނަލް ހިންގުމަށް އެތައް ބަޔަކު ބޭނުންވާނެއެވެ. މީގެ ސަބަބުން އެއަރޕޯޓްގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ލޮޖިސްޓިކްސްގެ ދާއިރާގެ އިތުރުން ވެސް އެހެނިހެން ގިނަ ދާއިރާތަކުން ވަޒީފާގެ އާ ފުރުސަތުތަކެއް އުފެދިގެންދާނެއެވެ. މިއީ ޒުވާނުންނަށް ވަޒީފާ ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުން

ފަސިންޖަރުންގެ ޢަދަދު އިތުރުވުމާއެކު، އެއަރޕޯޓް ފީއާއި، ޓޫރިޒަމް ޓެކްސްއާއި، ވިޔަފާރިތަކުން ލިބޭ އާމްދަނީ ފަދަ ތަފާތު ގޮތްގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. މިއީ ޤައުމީ ބަޖެޓަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.

ވިޔަފާރި އާއި ލޮޖިސްޓިކްސް ހަރުދަނާވުން

އައު ޓާމިނަލްގެ ސަބަބުން ކާގޯ ހެންޑްލިންގ އާއި ލޮޖިސްޓިކްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމާއި، ރާއްޖެއިން މުދާ ބޭރުކުރުން ފަސޭހަވެ، ވިޔަފާރިތަކަށް ފައިދާ ކުރާނެއެވެ.

ފޮރިން އިންވެސްޓްމަންޓް އިތުރުވުން

ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް ގާއިމްވުމަކީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓްކުރުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. ރަނގަޅު އިންފްރާސްޓްރަކްޗަރަކީ އިންވެސްޓްމަންޓް ގެނައުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ޤައުމީ އަބުރާއި މަޤާމު

މި ބޮޑު މަޝްރޫޢަކީ ރާއްޖޭގެ ޤައުމީ އަބުރު އުފުލި، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމެކެވެ. މި ސަރަޙައްދުގައި އެއަރ ޓްރެވަލް ހަބެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މި މަޝްރޫޢު އެހީތެރިވެދޭނެއެވެ.

ވީއައިއޭގެ އައު ޓާމިނަލްއަކީ ހަމައެކަނި ބިނާއެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުގެ ފައިދާތައް ޤައުމީ އިގްތިސާދަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީ، ދިވެހިރާއްޖެ އިތުރަށް ތަރައްޤީގެ މަގަށް ގެންގޮސްދޭނެކަން ޔަޤީނެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިސާދީ މުސްތަޤްބަލު ބައްޓަންކުރުމަށް އިނގިރޭސި އިންވެސްޓަރުންނަށް ދައުވަތުޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއާ ބައްދަލުކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންނަޑެއްލާގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 9 ގަޑިއިރު ކުރިންވީއައިއޭގެ އައު ޓާމިނަލާއެކު މިގެނެސްދިނީ އިގްތިސާދީ އިންގިލާބީ ބަދަލެއްރިޕޯޓް | 10 ގަޑިއިރު ކުރިން