ރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފި
8 އޮކްޓޯބަރު 2026 - 11:55

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީ.އޭ.އޭ.2' އިން 'ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފައިވާކަން މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުރިއެރުމަކީ ކުރުމުއްދަތުގައި ދަރަނި އަދާނުކުރެވި ޑިފޯލްޓްވުމުގެ ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާތީ ގެނައި ބަދަލެކެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު ދައްކައި ޚަލާސްކުރުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތައް ދައްކައި ނިންމުމާއި، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރެވުން ހިމެނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާކުރާ ފައިސާ އިތުރުވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކުން ލިބޭ އެއްބާރުލުން ދެމިއޮތުމަކީ ވެސް ރޭޓިން މަތިވުމަށް މެދުވެރިވި މުހިންމު ސަބަބުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއަހަރުގެ ތެރޭގައި އެކި އިދާރާތަކުން ލިބުނު ފައިނޭންސިންގެ ތެރޭގައި ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނެއެވެ. ސަރުކާރުން މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދައި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށެވެ.
ދަރަނި އަނބުރާ ދެއްކުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީ.ޑީ.ޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގުތިސާދަށް ކުރި ނަމަވެސް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނޭހެން ބަޖެޓުގެ ތެރެއިން އިގުތިސާދީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މެދު ރާސްތާގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުން ދަމަހައްޓައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތަކާއި ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމެވެ.

-01.jpg&w=3840&q=75)
