އިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއް
9 އޮކްޓޯބަރު 2026 - 10:00

ދިވެހިރާއްޖޭގެ މާލީ ހާލަތާމެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދިޔަ ބިރުވެރިކަމާއި، ގައުމު ބަނގުރޫޓުވެދާނެ ކަމަށް ބުނެ ޖަހަމުންދިޔަ ހިސާބުތަކަށް ބައިނަލްއަގުވާމީ މާލީ މައިދާނުން އިއްޔެ މިވަނީ ވަރުގަދަ ރައްދެއް ލިބިފައެވެ. ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީ.އޭ.އޭ.2' އިން 'ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކުރުމަކީ ސަރުކާރުގެ ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކަށް ލިބުނު ބޮޑު އިތުބާރެކެވެ. މިއީ ސިޔާސީ ގޮތުން ކުރިމަތިކުރި އެތައް ފިއްތުންތަކަކާއި ދުއްތުރާތަކުން ހަށިފޮޅާލައި، ގައުމީ އިގުތިސާދު ހަމަމަގަށް އެޅުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
ކުރުމުއްދަތުގެ ހިރާސްތައް ކުޑަކުރުމާއި ދަރަނި އަދާކުރުމުގެ ކާމިޔާބީ
.png&w=750&q=75)
Ad by Hajj Corporation
މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރޭޓިން މަތިކުރަން ނިންމި މައިގަނޑު ސަބަބަކީ ކުރުމުއްދަތުގައި ރާއްޖެއަށް ދަރަނި އަދާނުކުރެވި ޑިފޯލްޓް ވުމުގެ ހިރާސް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ގަބޫލުކުރެވުމެވެ. މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބޮޑެތި މާލީ އިމްތިހާނުތަކެއް ކާމިޔާބުކަމާއެކު ފަހަނައަޅައި ގޮސްފައެވެ. އޭގެ ތެރޭގައި އެޕްރީލް މަހު މުއްދަތު ހަމަވި 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްވެސް ދަތިކަމެއް ނެތި އަނބުރާ ދެއްކުމާއި، އިންޑިއާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓްކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކައި ހަލާސްކުރުމާއި، އެޕްރީލް 2026 ގައި މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ކާމިޔާބުކަމާއެކު ފަސްކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުރުމުއްދަތުގައި ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނީގެ ބުރަ ވަނީ ވަރަށް ބޮޑަށް ލުއިވެގެން ގޮސްފައެވެ.
ބޭރު ފައިސާގެ ރިޒާވާއި ސޮވެރިން ފަންޑު ވަރުގަދަވުން
ދަރަނި އަދާކުރުމުގެ އިތުރުން، ބޭރު ފައިސާގެ ރިޒާވް ރައްކާތެރިކުރުމަށާއި އިތުރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކަކީ ވެސް މި ކާމިޔާބީގެ މުހިންމު ބަޔެކެވެ. ދައުލަތުގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުކޮށް، ގައުމަށް ކުރިމަތިވެދާނެ މާލީ ލޮޅުންތަކުން ސަލާމަތްވުމުގެ އައްޑަނައެއް ވަނީ ގާއިމުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކޮށް، ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަނީ ނަތީޖާ ނެރެދީފައެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިން ހަމަޖެހިފައިވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު ސަރުކާރުގެ ސިޔާސަތުތަކަށް އޮތް މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްވުމާއި ފިސްކަލް އަޒުމް
ސިޔާސީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރި ނަމަވެސް، ހަގީގީ ތަފާސްހިސާބުތަކުން ފެންނަނީ ސަރުކާރުގެ ފިސްކަލް އަމާޒުތައް ހާސިލުވަމުންދާ މަންޒަރެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ދަރަނި ހުރި މިންވަރަށްވުރެ ވެސް ދަށް އަދަދެކެވެ. މިއިން ސާބިތުވަނީ ދަރަނި މެނޭޖުކުރުމުގައާއި ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމުގައި މި ސަރުކާރުން ގެންގުޅޭ ދުރުވިސްނުމާއި ހަރުދަނާ އިގުތިސާދީ ތަރުތީބުތަކުގެ ފުރިހަމަކަމެވެ.
ދުނިޔޭގެ ގޮންޖެހުންތަކާއި ކުރިމަގުގެ ވިލުންވެރިކަން
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިމްޕޯޓަށް ބަރޯސާވާ ކުދި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގުތިސާދީ ވިލުންވެރިކަން ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޭރުގެ މިފަދަ ނުރައްކާތަކާއި، އެތެރޭގެ ސިޔާސީ ދަހިވެތިކަމުގައި ގައުމުގެ އަގު ވައްޓާލަން ކުރެވޭ މަސައްކަތްތަކާ އެކުވެސް، ރާއްޖެއިން ދައްކައިދެނީ އިގުތިސާދީ ގޮތުން ފައިތިލަ ސާބިތުކުރުމުގެ ގާބިލުކަމެވެ. މޫޑީސްގެ މި ނިންމުމަކީ އިދިކޮޅު ފަރާތްތަކުގެ ދޮގު ވާހަކަތަކުގެ މައްޗަށް ހަގީގަތް ކުރިހޯދައި، ރާއްޖޭގެ މާލީ މުސްތަގުބަލު އޮތީ ރަނގަޅު މިސްރާބެއްގައިކަން ދުނިޔެ ބަލައިގަތް ކަމުގެ ހެއްކެކެވެ. މެދުނުކެނޑި އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކާއެކު ދިވެހި އިގުތިސާދު މިސްރާބު ޖަހާފައިވަނީ ފަންވަރުގަދަ، ދެމެހެއްޓެނިވި ތަރައްގީއަކާ ދިމާއަށެވެ.

-01.jpg&w=3840&q=75)
