އައު ބްރޭންޑުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ހުރި ދަތިތަކަށް ޙައްލު ލިބޭނެ: ވަޒީރު
18 ޖުލައި 2025 - 05:12

"ފްރޮމް މޯލްޑިވްސް" މި ބްރޭންޑްގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ގޮންޖެހުމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަލިއަޅުވައިލެއްވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފް އެއް ދައްކަންޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރުވެސް، ޚާއްސަކޮށް ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ މި އިފްތިތާހްކުރި ރާއްޖޭގެ ހާއްސަ ބްރޭންޑް "ފްރޮމް މޯލްޑިވްސް" މުހިންމުވާ އެއް ސަބަބުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ ޕްރޮޑަކްޓަކަށް ރާއްޛޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޮމް މޯލްޑިވްސް ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ދިވެހި ސަރުކާރުން ތައާރަފުކޮށްފައިވާއިރު އިނގިރޭސި ވިލާތުގައި ބޭއްވުނު ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މިބްރޭންޑް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްކަމެވެ. އަދި މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަންވެސް މި ބްރޭންޑުން ދައްކުވައިދެއެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދެއެވެ.
މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއްވެސް މެއެވެ. ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.