ރައީސް މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމާމެދު ޝައްކެއް ނެތް: ވަޒީރު ޝިޔާމް
6 އޮކްޓޯބަރު 2025 - 16:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި، ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމީ ޝައްކެއްވެސް ނެތްކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ފަދަ އިޙްލާސްތެރި ނިޔަތަކާއެކު ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ވެރިއެއް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ޤާސިމް އެހެން ވިދާޅުވާ ވީޑިއޯއެއް ހިއްސާކުރައްވައި ވަޒީރު ވިދާޅުވީ، ޤާސިމްގެ ވާހަކަފުޅަކީ ވަރަށް ރަނގަޅު، ތެދު ވާހަކަފުޅެއް ކަމަށެވެ.
ޤައުމު މިއަދު މިދެކޭ ހިތްދަތި ހާލަތު މިދެކެނީ ހިތްނިޔަތް ތެދުކޮށް ވެރިކަންކުރެެއްވި ބޭފުޅުން މަދުވީމަ ކަމަށާއި، ރައީސް ޑރ. މުއިއްޒު އަކީ ފެހި ޤާނޫނުއަސާސީ ދުށް އެންމެ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާ ވެެރިޔާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ވޭތުވެދިޔަ ސަރުކާރުތަކުން ޤައުމު ވައްޓާލާފައިވާ ފުން އަނދަވަޅުން ސަލާމަތްކޮށް އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމު ހަމަ މަގަށް އަޅުވާ، ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމީ ޝައްކެއްވެސް ނެތްކަމެއްކަމަށާއި އެކަން މިއަދުވެސް ރާއްޖޭގެ ކަންކޮޅުތަކުން އަންނަނީ ފެންނަމުންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ކައުންސިލްތަކާއި އަތޮޅުތެރޭ ރައްޔިތުން ރައީސްގެ އަރިހަށް އައިސް ކަންކަމުގައި ކިޔަންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދެއްވައި، ސީދާ ރައްޔިތުންނާއި ކައުންސިލްތަކާއި ރައްޔިތުންގެ ގާތަށް ވަޑައިގެން، އެ ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރައްވައި ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވަމުންނެވެ.
މީގެކުރީ ސަރުކާރުތަކާއި މި ސަރުކާރުން ވެސް ފަށާފައިވާ ބައެއް މަޝްރޫޢުތައް، ރައްޔިތުންގެ އެދުމުގެ މަތިން ރައްޔިތުން އެދޭފަދަ ބަދަލުތަކެއް ގެނެސްގެން ކުރިއަށް ގެންދެވުމުގައި ވެސް ރައީސް ގެންދަވަނީ ތަފާތު ދައްކަވަމުންނެވެ. އަދި ސަރުކާރުތަކުން އާދައިގެ ކުދިކުދި މަޝްރޫއުތަކުގެ ގޮތުގައި ނުކޮށްދީ ދޫކޮށްލާފައި ހުރި ގިނަ ކަންތައްތަކެއް ވެސް މި ސަރުކާރުން އަންނަނީ ކޮށްދެމުންނެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތެވެ. އަދި ކޮންމެ އަތޮޅެއްގައި ވެސް ޕާސްޕޯޓާއި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފެށުމާއި، ފުލުހުންގެ މަރުކަޒުތަކާއި މަގު ހެދުމާއި މިހެން ގޮސް، ރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންތައްތައް މި ސަރުކާރުން އަންނަނީ ކޮށްދެމުންނެވެ.
މި ކަންކަން ރައްޔިތުން ބަލައިގަންނަކަން، ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ރައްޔިތުން ކިޔާ މަރުހަބާއިން ފެނިގެންދެއެވެ.


