''އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ގޮވައިލާ ސިޔާސީ ފިކުރަކަށް ފުރުޞަތު ދީގެން ނުވާނެ''
9 ޖެނުއަރީ 2026 - 17:24

ވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވީހިނދު، މި ޤައުމުގެ ދީނީ އަދި އިޖުތިމާޢީ ފޭރާން ހިފެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ އިތުރުން ދައުލަތުގެ އެންމެ އިސް ވާޖިބެވެ. ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެފަދަ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް މި މުޖުތަމަޢުގައި ޖާގަ ދިނުމަކީ ޤައުމުގެ އަސްލު އަމާންކަމާއި އިސްލާމީ ޝަޚްޞިއްޔަތު ގެއްލިގެންދާނެ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހުގެ ރޭ ފާހަގަކުރެއްވި ފަދައިން، މިފަދަ ފިކުރުތަކަށް ފުރުޞަތު ދިނުމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރާނެ ވަރަށް ބޮޑު ގޯހެކެވެ.
ދިވެހިރާއްޖޭގެ އެންމެ މެމްބަރުންގިނަ، އެންމެ ތާއީދުބޮޑު ސިޔާސީ ޕާޓީކަމަށްވާ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި މޭރުމުން އަގުހުރި ނަސޭހަތްޕުޅުތައް ދިވެހި ރައްޔިތުންނަށް ދޫކޮށްލަށްވާފައެވެ. ވަކީން ޚާއްޞަކޮށް އިންތިޚާބެއް ބޯމަތިވަމުން އަންނައިރު މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ވިސްނާލަންޖެހޭ ނަސޭހަތްޕުޅެއްކަން ފާހަގަކޮށްލަމެވެ. މިގޮތުން މި މައުލޫއަށް ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ މުހިންމު ބައެއް ކަންކަން ތާރީޚަށްޓަކައި ހުނި ޖަހައިލާނަމެވެ.

Ad by Hajj Corporation
ދީނީ ހަމަތަކާއި ޤާނޫނީ އިޞްލާޙުތައް
ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކޮށް، ޖުވާކުޅުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. މިއީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑު ފާފައަކަށް ވީހިނދު، މިކަމަށް ދެކޮޅުހަދާ ސިޔާސީ ފިކުރުތަކަކީ ޤައުމުގެ ދީނީ ބިންގަލަށް ގޮންޖަހާ ފަރާތްތަކެކެވެ. އިސްލާމީ ޤައުމެއްގެ ހުރިހާ އާދަކާދައެއް ހުންނަންވާނީ ދީނީ ހަމަތަކާ އެއްގޮތަށެވެ. އެހެންކަމުން، ސިޔާސީ މަޤްޞަދުތަކަށްޓަކައި ދީނީ އުޞޫލުތަކާ ޚިލާފު ވާހަކަދައްކާ ފަރާތްތަކަށް އިންތިޚާބުތަކުގައި ފުރުޞަތު ދިނުމަކީ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް މުގުރާލުމަށް ދެވޭ ހިތްވަރެކެވެ.
އިޖުތިމާޢީ އިޞްލާޙާއި ބަދުއަޚުލާޤީ ކަންކަން ހުއްޓުވުން
މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސާޖު ޕާލަރތަކުގެ ނަމުގައި ހިންގާ ބަދުއަޚުލާޤީ އައްޑާތައް ބަންދުކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އެންމެ މަސްދުވަހުގެ ތެރޭގައި މާލެއިން އެކަނިވެސް މިފަދަ 104 ތަނެއް ބަންދުކުރުމަކީ، ފާޙިޝް ކަންކަމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ހެއްކެކެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް ޤާނޫނު އިޞްލާޙުކުރުމަކީ، ޒުވާން ޖީލު މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިފަދަ އިޞްލާޙީ ފިޔަވަޅުތަކަށް ހުރަސްއަޅާ ކޮންމެ ފިކުރަކީ ޤައުމުގެ ކުރިމަގަށް އޮތް ބިރެކެވެ.
ފަރުދުންގެ ޒިންމާއާއި ސިޔާސީ ހޭލުންތެރިކަން
ކޮންމެ ޤައުމެއްގެވެސް ކަންކަން އިޞްލާޙުވެގެންދާނީ އެ ޤައުމެއްގެ ފަރުދުންގެ ކިބައިގައި އެފަދަ އިޞްލާޙީ ޚިޔާލާތެއް ހުރެގެންނެވެ. ސިޔާސީ މީހުން ދައްކާ ކޮންމެ ވާހަކައަކީ ޤައުމަށް ފައިދާހުރި ވާހަކައެއް ނޫންކަން ދަނެ، އަމިއްލަ ސިކުނޑިން ވިސްނައި މިނެކިރުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. ސިޔާސީ އޮއިވަރުގައި ޖެހި، ދިވެހީންގެ އިސްލާމީ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ކުރެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. ލޯކަލް ޓޫރިޒަމާއި ސަފާރީތައް ހިންގުމުގައިވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މިންގަނޑުތައް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވެއެވެ.
ރާއްޖޭގެ ދީނީ އަދި ޤައުމީ ވަޙުދަތު ހިފެހެއްޓޭނީ ދީނާ ޚިލާފު ކަންކަމަށް ފުރުޞަތު ނުދޭ ސިޔާސީ ފިކުރެއް ޤައުމުގައި އިސްކޮށްގެން
ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހިރާއްޖޭގެ ދީނީ އަދި ޤައުމީ ވަޙުދަތު ހިފެހެއްޓޭނީ ދީނާ ޚިލާފު ކަންކަމަށް ފުރުޞަތު ނުދޭ ސިޔާސީ ފިކުރެއް ޤައުމުގައި އިސްކޮށްގެންނެވެ. ސަރުކާރުން ކުރިއަށްގެންދާ އިޞްލާޙީ މަސައްކަތްތަކަށް އެއްބާރުލުންދީ، ދީނީ ހަމަތަކަށް ގޮންޖަހާ ފަރާތްތަކަށް ނޫނެކޭ ބުނުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކުރެވޭނީ ތަޢައްޞަބުން އެއްކިބާވެ، ދީނީ މިންގަނޑުތަކަށް އިސްކަންދީގެންނެވެ.


