ފުލުހަކު ހިމެނޭހެން މަސްތުވާތަކެއްޗާ އެކު ދެމީހަކު ހައްޔަރު ކޮށްފި
19 ޖުލައި 2025 - 11:23

ފުލުހަކު ހިމެނޭހެން މަސްތުވާތަކެއްޗާ އެކު ދެމީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އުމުރުން 30 އަހަރުގެ އައިޝަތު ޝިޔާޒާ އާއި ހއ. ދިއްދޫ / ހަޒާރުމާގެ، އުމުރުން 26 އަހަރުގެ ސައިފުﷲ އަހްމަދުއެވެ.
ފުލުހުން ބުނީ، މި ދެމީހުން ހައްޔަރު ކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ހާމަ ކުރި ގޮތުގައި، އެދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަހްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.