އެމްއެސްއެމްއީ ދާއިރާއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް : ޝަރީފް
21 ޖުލައި 2025 - 06:12

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން ޚިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން ސީއީއޯ ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ޚިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިޤްތިޞާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމަށެވެ. ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ޚިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިއޮންނާނެކމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ އެސްޑީއެފްސީ ގަތުމުގެ މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުންކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމަކަށް ވާތީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެއެވެ.
އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެން ދާނެއެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސް.ޑީ.އެފް.ސީގެ އެފިޝަންސީ ރަނގަޅުވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސް.ޑީ.އެފް.ސީގެ ގަވަރނަންސްވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ޚިދުމަތް ދިނުމުގައި ގެންގުޅޭ އުޞޫލުތައްވެސް ހަރުދަނާ ވާނެއެވެ.