ފޮއްދިއްޕަރުފަޅުގެ ނަފާ ލިބޭނެ ގޮތަށް އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ- ރައީސް
23 ޖުލައި 2025 - 06:03

ވައުދުވީގޮތަށް ނ އަތޮޅު ފޮއްދޫ ކައިރީ އޮންނަ ފޮއްދިއްޕަރު ފަޅުގެ ނަފާ ކައުންސިލަށާއި ރައްޔިތުންނަށް ލިބޭނެ ގޮތަށް އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުުގެ ތެރެއިން ނ ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ފޮއްދޫ ކައިރީ އޮންނަ ފޮއްދިއްޕަރު ފަޅުގެ ނަފާ އެރަށު ރައްޔިތުންނަށް ލިބޭނެގޮތަށް ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް ރިޔާސީ ކެމްޕެއިނުގެ ތެރެއިން ވައުދުވި ކަމަށެވެ. އެ ވައުދާ އެއްގޮތަށް ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ރައްޔިތުންނަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސުމަށް އެންވަޔަރަމަންޓު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެ ފަޅަކީ ހިމާޔަތް ކޮށްފައި އޮންނަ ފަޅެއް ކަމަށާ އެންވަޔަރަމަންޓު މިނިސްޓްރީގެ މިންގަނޑުގެ ތެރެއިން މެނޭޖްމަންޓު ޕްލޭން އެއް ހަދާ ރައްޔިތުންނާ ކައުންސިލާ މިނިސްޓްރީއާއި ގުޅިގެން އެ ފަޅު ބެލެހެއްޓޭނެ އަދި އެ ފަޅުން ޢަމްދަނީ ލިބޭނެ އިންތިޒާމްތަކެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއީ ހިމާޔަތް ކޮށްފަ އޮންނަ ފަޅެއް އެ ފަޅު އެންވަޔަރަމަންޓު މިނިސްޓްރީގެ މިންގަނޑުގެ ތެރެއިން މެނޭޖްމަންޓު ޕްލޭންއެއް ހައްދަވާނެ ރައްޔިތުންނާ ކައުންސިލާ މިނިސްޓްރީއާ ގުޅިގެން އެފަޅު ބެލެހެއްޓޭނެ އަދި އެ ފަޅުން އާމްދަނީ ކައުންސިލަށް ލިބޭނެ ކަހަލަ އިންތިޒާމެއް މިނިސްޓްރީ ތެރެއިން އެގްރީމެންޓެއް ހަދާ މިނިސްޓްރީ ތެރެއިން ގާއިމްކުރާނެ އޭރުން އެ ފަޅުން ނަފާ ލިބިގެންދާނެ
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތްކޮށްދިނުން ކަމަށެވެ.އަދި ވަކީން ހާއްސަކޮށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމައަށް ފުއްދައިދިނުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ.
ނ އަތޮޅު ވިހަފަރު ފަޅު ގައި ހަދާ އެއާޕޯޓުގެ މަސައްކަތް ނިމުމުން އެ ސަރަހައްދައް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް ހިދުމަތް ދިނުމަށް ކަމަށެވެ.