ވެލިދޫން ރައީސް އަށް ޕެޓިޝަނެއް: “ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނަން”
23 ޖުލައި 2025 - 17:52

ވެލިދޫ ބަނދަރުގެ މައްސަލަ ރައްޔިތުން އެދޭ ގޮތަށް ހައްލު ކޮށްދިނުމަށް އެދި ރަަށުގެ 600 މީހުންގެ ސޮޔާއެކު ރައީސްގެ އަތްޕުޅަށް ޕެޓިޝަނެއް ހުށަަހަޅައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މިރޭ ވެލިދޫގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.
"އެންމެ ދަތިވާ އެއްކަމަކީ ބަނދަރުގެ މައްސަލަ. އަޅުގަނޑަށް އަޙްމަދު މޫސާ ދިން ޕެޓިޝަނަކީ ރަށުގެ 600 އެއްހާ މީހުން ސޮއިކޮށްފައިވާ ލިޔުމެއް. ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރައްވާފައި. އެޕެޓިޝަން އަޅުގަނޑު ބަލާނަން. ކަމާބެހޭ ވުޒާރާއާއި ހަވާލުކުރާނަން. ފަންނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ރައްޔިތުން ހުށައެޅި ކަމަށްކަށްވާތީ ސީރިަސްކޮށް ބަލައި، އެ ބަނދަރުގެ އުފާވެރިކަމާއި ލުއިކަން ގެނެސްދިުމަށް ގެނަންޖެހޭ ބަދަލުތައް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަނދަރުގެ ހުރި މައްސަލަތައް ހައްލުކުރުން މިއަހަރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ދަތިވާނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށްޓަވާދެއްވާނެކަމަށެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ވެލިދޫގައި ހުރި ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، ލައިބްރަރީ އަދި އެހެނިހެން ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށް ގެންދިއުން އެބަހުރިކަމަށެވެ. އެ މަޝްރޫޢު ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް 1 ބިލިޔަން ރުފިޔާ ހިމަނާނެކަމަށާއި، އޭގެތެރޭގައި ވެލިދޫގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސަވާނެކަންވެސް އިއުލާންކުރައްވާފައެވެ. އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުގައި ހިމެނޭ ކަންކަމާއި، އޭގައި ނުހިމެނޭ ކަންކަންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ރިޔާސީ ވަޢުދުގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެކަން ބާރު ދުވެލީގައި ނުހުއްޓި ކުރިއަށް ގެންދަވާނެކަމަށެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އޭގެތެރެއިން އެއް ސެންޓަރު ވެލިދޫގައި ޤާއިމްކުރުމާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ޤާއިމްކުރުންވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އަމާން ވެއްޓެއް ކަށަވަރުވެގެންދާނެ މަޝްރޫޢުތަކެއްކަންވެސް ރައީސް ވިދާޅުވިއެވެ.