ބޮޑު ވަޒީރު މޯދީގެ ދަތުރުފުޅުގައި އައު ދާއިރާތަކުން އިންޑިއާއާއި ރާއްޖެއިން ގުޅުން ބަދަހިކުރާނެ
24 ޖުލައި 2025 - 13:24
.webp&w=3840&q=75)
މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އާ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ތާރީހީ ދަތުރުފުޅެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅު ސިފަކުރަމުން އަންނަ އިންޑިއާގެ ނޫސްތަކުން ބުނީ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު އާ ދާއިރާތަކުން ކަމަށްވާ، އިއާދަކުރަނިވި ހަކަތަ، މަސްވެރިކަން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރާނެކަމަށެވެ.
މީގެ އިތުރުންވެސް ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ބެލެވޭކަމަށާއި ދެގައުމުން މިހާރު މަޝްވަރާ ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ޝަރުތުތަކާ މެދުވެސް އެއްބަސްވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއްކަމަށް މީގެ ކުރިން ބޮޑުވަޒީރު މޯދީ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިނިވަން ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ ވަނީ މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރަށް އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެކު ބާއްވާ މަޝްވަރާ ތަކުގައި ދެ ޤައުމުގެ އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރާއެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ އަހަރެވެ.