logo
E-Platinum
ޚަބަރު

ޅޮހީގެ ރައްޔިތުން އެދުނު ތަރައްޤީގެ ހުރިހާ މަޝްރޫއެއް ފުރިހަމަކޮށްދޭނަން: ރައީސް

ޝަހްޒާ މުހައްމަދު
24 ޖުލައި 2025 - 05:51
ޅޮހީގެ ރައްޔިތުން އެދުނު ތަރައްޤީގެ ހުރިހާ މަޝްރޫއެއް ފުރިހަމަކޮށްދޭނަން: ރައީސް

ނ. ޅޮހީގެ ތަރައްޤީއަށް، އެރަށުގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ކުރިއަށްގެންދަވައި ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ދަތުފުޅުގައި އެއަތޮޅު ޅޮއްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ޅޮހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާއި، އެކަންކަމަށް ވަރަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޅޮހީގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެގޮތުން މިހާރު ހިނގަމުންދާ ބަނދަރު ތަރައްޤީގެ މަޝްރޫޢުއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ހުށައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ވީއެންމެ ރަނގަޅަކަށް ރައްޔިތުން އެދޭގޮތަށް އެބަދަލުތައް ގެނެސްދެއްވާނެކަމަށެވެ. އެ މަޝްރޫޢު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާއެކު ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޅޮހީ ސްކޫލަށް ޢުމްރާނީ މަޝްރޫޢުތަކެއް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށާއި، ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ހުރިކަން ފާހަގަކުރައްވާ ރައީސްވިދާޅުވީ ހުރިހާ ވަސީލަތަކާއި ޚިދުމަތްތަކާއެކު އައު ޢިމާރާތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށެވެ. އެ މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއިން ކުރަންހުރި ކަންކަމުގެ ތެރޭގައި ޅޮހީ ސިއްހީ މަރުކަޒަށް އިތުރު ޚިދުމަތްތައް ބޭނުންވާކަމށާއި، އެގޮތުން ލެބޯޓްރީއާއި އިތުރު މުވައްޒަފުންވެސް އަދި ޖާގަވެސް އިތުރުކުރަންޖެހޭތީ، ސިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހު އެ މަޝްރޫޢު ކޮންޓެކްޓަރަކާ ހަވާލުކޮށް ނޮވެމްބަރު މަހު ހިސާބުގައި އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އަންނަ އަހަރު ވާނީ މިރަށުގެ ސިއްޙީ ނިޒާމަށް ރައްޔިތުން ހިތްހަހަމަޖެހޭ ހައްލެއް ރައްޔިތުން އެދޭ ފެންވަރަށް ޙައްލުކޮށްދޭނެ އަހަރަކަށް. ތައުލީމީ ދާއިރާވެސް ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން.”ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ޅޮހީގެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑާއި، ވޮލީ ކޯޓެއް ތަރައްޤީކުރުން މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ.

އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާގަކުރައްވަމުން ރައީސް ވަނީ ޅޮހީގެ މޫދަށް އެރޭ ސަރަހައްދު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުންވެސް މިއަހަރު ފެށޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރަށުގެ ރިންގް ރޯޑުގެ މަޝްރޫޢުވެސް ބަނދަރު މަޝްރޫޢުއާއެކު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގެސްޓުހައުސް ޓޫރިޒަމަށް މުހިންމުކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޅޮހީގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންކަން ފުރިހަމަވާނެކަމަށާއި، ކައުންސިލާއި ރައްޔިތުން އެރަށުގެ ތަރައްޤީއަށް އެދި ހުށައެޅި ދިގު ލިސްޓުގައި ހިމެނޭ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފެުޅުގެ ތެރެއިން ޅޮހީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޅޮހީ އިހުތިސޯސްގައި ގޯންބިލިވާދޫ ހިމަނައިދެއްވުމާއި ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސްކުރުމުގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީވެގެންދިއުމަށް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެެރެއިންވަނީ ޅޯހީގައި އަަލަށް އިމާރާތްކުރާ ފިޓްނަސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައެވެ.

މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަނީ ވަޑައިގަންނަވާފައެވެ. އެގޮތުން ޅޮއްސަކީ އެމަނިކުފާނުގެ މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންދިފާއީ ވުޒާރާގެ ދޮށިމޭނާ ބިލްޑިން ހުޅުވައިދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންއިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާއި އިންޑިޔާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިން