ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން: ރައީސް

23 ޖުލައި 2025 - 19:21

ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މި މޭރުމުން ވިދާޅުވީ، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ތަރައްޤީގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ފަރާތްތަކުގެ އެއްބާރުލުން ވަރަށް މުހިންމެވެ. އަދި އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ"ރައީސް ވިދާޅުވިއެވެ.
މިގޮތުން، ޚިޔާލު ތަފާތުވި ނަމަވެސް، އެއްބާރުލުން ދެއްވުމަށް އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ޒާތީ އަދި އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް ދިވެހިން ވާން ޖެހެއެވެ.
"އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން" ރައީސް ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެ ކަމަށެވެ. އަދި މިކަމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.