-01-40bb8a38.jpg)

އިދިކޮޅު އެމްޑީޕީން އިންތިޚާބު ކާމިޔާބުވީކަމަށް ބަލައި އުފާފާޅުކުރަން ތިއްބާ، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާއިން މުޅި އިންތިޚާބު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރެފްރީ ކަށިގަނޑު ފުމެލުމުގެ ކުރިން ބައެއްފަހަރު ކުޅުންތެރިން އުފާފާޅުކުރަން ތިއްބާ، މެޗުން މޮޅުވެގެން ފައިބަނީ އަނެއް ޓީމު ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ކަންތައް ވެގެންދިޔައީ އެފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެއްބަޔަކު މާކުރިން އުފާފާޅުކުރަން ތިއްބާ، ރަސްމީ ނަތީޖާއާއެކު 581 ގޮނޑި ކާމިޔާބުކުރީ ޕީއެންސީން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެއީ އަޅުގަނޑު ނޫނީ ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެއީ ރަސްމީ ނަތީޖާއެވެ. ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް މިހަގީގަތް އަދި ނަތީޖާ ބަދަލެއް ނުވާނެއެވެ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ، މިއީ ޕީއެންސީން އެންމެ އުންމީދުކުރި ނަތީޖާ ނޫން ކަމަށާއި، އެ ޕާޓީން މަސައްކަތްކުރީ މިއަށްވުރެވެސް ރަނގަޅު ނަތީޖާއަކަށް ކަމަށެވެ. އަދި ޕީއެންސީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވިޔަސް، ސަރުކާރުން ބަދަލުތަކެއް ގެންނަވަނީ 2028 ވަނަ އަހަރަށް ޓީމުތައް ރުކުރުވާލައި، މި ނަތީޖާގެ އަލީގައި މަސައްކަތް ފަށައިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަހުލޫފް ވަނީ ޕީއެންސީގެ މެންބަރުން ހޯއްދެވި މި ކާމިޔާބީއަށްޓަކައި މަރުހަބާ ދަންނަވާފައެވެ.






