-01-40bb8a38.jpg)

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، މިކަމަށް ވޯޓަށް އެހުމުން ޝަކީލް އެ މަގާމަށް އައްޔަނުކުރުމަށް ފާސްވީ 51 މެންބަރުންގެ ތާއީދާއެކުގައެވެ. އޭނާ އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ ޝަކީލްއާ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިއުއަށްފަހު ކޮމިޓީން ނިންމާފައިވަނީ އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށާއި، އެ މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.
މުހައްމަދު ޝަކީލަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ކުރިން އެ މަގާމުން އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.



