-01-40bb8a38.jpg)

ތ. ވިލުފުށީ ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ސްކޫލުގެ މާހައުލުގައި ހިނގައިފާނެ އަލިފާނުގެ ހާދިސާތަކަށް މުވައްޒަފުން އަހުލުވެރިކޮށް، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ރައްކާތެރި އުސޫލުތައް ދަސްކޮށްދިނުމެވެ.
އެމް.އެން.ޑީ.އެފް އިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސެންޓްރަލް އޭރިއާ ކޮމާންޑް، ވިލުފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ. މި ސެޝަނުގައި ސްކޫލުގެ މުވައްޒަފުންނަށް އަލިފާން ރޯވާން މެދުވެރިވާ އާންމު ސަބަބުތަކާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ގެއްލުން ކުޑަވާނެހެން އަމަލުކުރާނެ ރައްކާތެރި ގޮތްތަކުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތުގެ އަމަލީ ތަމްރީނުތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްދީފަ އެވެ. އެގޮތުން، އަލިފާންގަނޑު ނިއްވުމުގައި ސަމާލުކަން ދޭންޖެހޭ ފަންނީ ކަންކަމާއި، ރައްކާތެރިކަމާއެކު އާލާތްތައް ބޭނުންކުރާނެ ގޮތްތައް އަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިގެންދިޔަ އެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތައުލީމީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކުއްލި ހާލަތްތަކަށް އިތުރަށް ތައްޔާރުވެ، ދަރިވަރުންނާއި ސްކޫލުގެ މުޅި މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ އެވެ. އަދި ސްކޫލުތަކުގައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ މުހިންމު ކުރިއެރުމެކެވެ.



-effcc7fd.jpg)


