-01-40bb8a38.jpg)

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ގަސްދުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ޑރ. އަހްމަދު ޝަމްހީދު ތުހުމަތުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝަމްހީދު ވިދާޅުވީ ގައުމީ މަޖިލީހަށް މުޅިމާލެއިން ހޮވާ 16 ގޮޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ބުނެ ނެރެފައިވާ ހުޅުމާލެ ދެކުނު ދާއިރާގެ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓްލާން ދިޔަމީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަކަށް ނުބެލެވޭ ކަމަށެވެ.
"ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓް އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ،" ޝަމްހީދު ތުހުމަތުކުރެއްވި އެވެ.
ޑރ. ޝަމްހީދުގެ ތުހުމަތާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މުޅި ރާއްޖޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބައެއް ކެންޑިޑޭޓުންވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ބައެއް ކެންޑިޑޭޓުންގެ ސަޕޯޓަރުން ވަނީ ވޯޓު އޮޅުވާލި ކަމަށް ބުނެ ބައެއް މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ޖަހައިގަނެގެން ގެންގޮސްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި 1،102 ގޮނޑިއަށް 1،612 ކެންޑިޑޭޓުން ވާދަކޮށްފައިވެ އެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާން ކުރާނީ މާދަމާގެ ވަގުތެއްގައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.


