-01-40bb8a38.jpg)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަސްމީކޮށް ރަޖިސްޓަރީވިތާ 21 އަހަރުގެ ހަޔާތުގައި އިއްޔެ އެތެރޭގެ އިންތިޚާބެއް ނިންމާލިއިރު، އެ ޕާޓީގެ އެތެރެ މިއަދު ފެންނަނީ ސިޔާސީ ގޮތުން އެންމެ ބޮޑަށް ރޫޅި، އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރެވެ. އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮވެ، އަލުން އަނބުރާ ވެރިކަމަށް އައުމަށް ޕާޓީގެ ސަފުތައް ރުކުރުވައިލުމުގެ ބަދަލުގައި، އެންމެ ފަހުން ބޭއްވި އެތެރޭގެ އިންތިޚާބު ވެގެންދިޔައީ ޕާޓީގައި ކަނިވަމުން ދިޔަ އުންމީދުގެ ހުޅުކޮޅު އެއްކޮށް ނިއްވައިލި ބޮޑު ހުޅަކަށެވެ. ޕާޓީގެ އެތެރޭގެ އިންތިޒާމުތަކުގެ ދޯހަޅިކަމާއި، އިންތިޚާބާ ގުޅިގެން ފެންމަތިވި މަކަރާއި ހީލަތުގެ ތުހުމަތުތަކުގެ ސަބަބުން، މެމްބަރުންގެ މެދުގައި އޮތް އިތުބާރު ގެއްލި، ޕާޓީ މިއަދު މިވަނީ އެއްބަޔަކު އަނެއް ބައެއްގެ ކަރުގައި ހިފާ ހިސާބަށް ބައިބައިވެފައެވެ.
އިންތިޒާމީ ދޯހަޅިކަމާއި ފެންވަރުދަށް އިންތިޚާބެއް
މިފަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެ ޕާޓީން ބޭއްވި އެންމެ ފެންވަރުދަށް އަދި ބޭއަދަބީ އިންތިޚާބު ކަމަށް ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ކެންޑިޑޭޓުން ދަނީ އެއްބަސްވަމުންނެވެ. ވޯޓުލާން ފަށަން ކަނޑައެޅި ގަޑިއަށް ވޯޓުލުން ނުފެށި އެތައް ގަޑިއިރެއް ލަސްވެގެން ދިޔުމާއި، ވޯޓު ފޮށިތައް ކައިރީ ތިބެންޖެހޭ އެކަށޭނަ އޮފިޝަލުން ނެތުމުގެ ސަބަބުން މުޅި މަރުކަޒުތަކުގައި އޮތީ ހަމަނުޖެހުމާއި ކަންބޮޑުވުމެވެ. ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާއި ހާމަކަން ބޮޑު އިންތިޚާބުތަކުގެ ވާހަކަ ދައްކަމުން އައި ޕާޓީއެއްގެ އެތެރޭގެ ނިޒާމު މި ދަރަޖައަށް ވެއްޓިގެން ދިޔުމަކީ، ޕާޓީގެ އާންމު މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.
މަކަރާއި ހީލަތުގެ ބޮޑެތި ތުހުމަތުތައް
އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމާ އެކު، އެ ނަތީޖާއަކީ ސާފު ނަތީޖާއެއް ނޫން ކަމަށާއި، އެއީ ފަސާދައާއި އޮޅުވާލުމުގެ ތެރެއިން ނެރުނު ނަތީޖާއެއް ކަމަށް ބުނެ ޝަކުވާތައް ބަންޑުންވާން ފެށިއެވެ. ވޯޓުލާން ނާންނަ އެތައް ބައެއްގެ ނަމުގައި ސައްހަ ނޫން ވޯޓު އެޅުމާއި، ވޯޓު ގުނުމަށްފަހު ނަތީޖާ ޝީޓުތަކަށް ބަދަލު ގެނައުން ފަދަ ޖަރީމާތައް ހިންގިކަމުގެ ހެކިތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލެއިން ހޮވާ 16 ގޮނޑިއަށް ލިބުނު ވޯޓުގެ ނަތީޖާ ޝީޓެވެ. އެ ޝީޓުގައިވާ އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަޖެހި ގޮތަށް ނެރެފައިވާ އަދަދުތަކެއް ނޫން ކަމަށާއި، ބައެއް ކެންޑިޑޭޓުންނަށް ދުއިސައްތައެއްހާ ވޯޓު އިތުރަށް ޖަހައިގެން ނަތީޖާ ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ހެކިތައް ވަނީ ފެންމަތިވެފައެވެ.
އިދާރީ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން
މި އިންތިޚާބު ކުރިއަށް ދިޔައިރު ޕާޓީގެ މުޅި އިދާރީ ހިންގުމާއި ކޮންޓްރޯލް އޮތީ "ބޮޑު ބަދަލު" ފެކްޝަންގެ މުށުތެރޭގައެވެ. އިންތިޚާބުގެ ހުރިހާ އޮފިޝަލުންގެ ގޮތުގައި އެ ފެކްޝަނަށް ނިސްބަތްވާ މީހުން ހަމަޖައްސައި، ބާރުގެ ބޭނުން މުތުލަގަށް ވަނީ ނާޖާއިޒު ގޮތުގައި ހިފާފައެވެ. އެ ފެކްޝަނަށް ނާކާމިޔާބު ވެދާނެ ކަމަށް ލަފާކުރެވުނު ރަށްރަށަށް، ވޯޓު ފޮށިތަކާއެކު މާލެއިން ޓީމުތައް ފޮނުވައިގެން ވޯޓު އޮޅުވާލުމުގެ މަސައްކަތް ކުރިކަމުގެ ހިތި ހަގީގަތްތައް ވެސް ދަނީ ފާޅުވަމުންނެވެ. ޕާޓީގެ ތެރޭގައި އޮންނަންޖެހޭ ހަމަހަމަކަމާއި އަދުލުވެރިކަން ނައްތާލައި، ވަކި ބަޔަކު ބާރު ހޯދުމަށް ހިންގި މި އަމަލުތަކުގެ ސަބަބުން ޕާޓީގެ ޑިމޮކްރެޓިކް ބިންގާ މުޅިން ގުޑައިގެން ދިޔައެވެ.
ލީޑަޝިޕްގެ ނުކުޅެދުންތެރިކަމާއި އެތެރޭގެ ކޯޅުން
މިފަދަ ބޮޑެތި މަކަރުތަކެއް ހިނގަމުން ދިޔައިރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފެކްޝަން ފެނިގެންދިޔައީ ކަންކަމަށް ފާރަވެރިވެ ބެލެހެއްޓުމުގެ އެއްވެސް ގާބިލުކަމެއް ނެތި، ވާނުވާ ނޭނގިފައި ތިބި މަންޒަރެވެ. އެ ފަރާތްތަކުގެ ލަސް އަދި ބަލިކަށި ސިޔާސަތުތަކުގެ ސަބަބުން، އިދިކޮޅު ފެކްޝަނުން މުޅި އިންތިޚާބު ފޭރިގަތްއިރު އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު ޕާޓީގެ ތެރޭގައި އުފެދިފައިވަނީ ހަމައެކަނި ޚިޔާލު ތަފާތުވުމެއް ނޫނެވެ؛ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށް، ސިޔާސީ ގޮތުން އެކަކު އަނެކަކު ނައްތައިލުމަށް ކަރުގައި ހިފާ ހިސާބަށް ކޯޅުން ވަނީ ބޮޑުވެފައެވެ. މިއީ ޕާޓީގެ އެތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމުގެ ރޫހު މުޅިން ނެތިގޮސްފައިވާ ކަމުގެ ހެއްކެކެވެ.
2028 އަށް އެޅުނު ހުރަހާއި ސިޔާސީ މުސްތަގުބަލު
މި އިންތިޚާބު ވެގެން މިދިޔައީ ބަލިކަށިވަމުން އައި އެމްޑީޕީގެ ފިކުރަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށެވެ. އެކަކު އަނެކަކަށް ބުރަކަށިޖައްސައި، ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކު ސިޔާސީ ގޮތުން ފެއިލްކޮށްލަން ނުކުތް މި އިންތިޚާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީން ތައްޔާރުވުމަށް އެޅުނު އެންމެ ބޮޑު ހުރަހެވެ. އާންމު ރައްޔިތުންނާއި ޕާޓީގެ ސަޕޯޓަރުންގެ އިތުބާރު ގެއްލި، އެތެރޭގެ ހަމަނުޖެހުންތައް މި މިންވަރަށް ގޯސްވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީގެ އަތުން ބީވެގެން ދިޔުމުގެ ބިރު މިއަދު މިވަނީ ވަރަށް ބޮޑަށް ހީވާން ފަށާފައެވެ. އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއެކު އެމްޑީޕީގެ ސިޔާސީ މުސްތަގުބަލު ބަނަވެ، މުޅި ޕާޓީ މިވަނީ ވުޖޫދުން ފޮހެވިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި މަރުފަލި ޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
-2c900844.jpg)




