-01-40bb8a38.jpg)

ޖަރުމަނު ބުންޑެސްލީގާގައި ހެމްބާގާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުޞަތު ބަޔާން މިއުނިކުން ގެއްލުވާލައިފިއެވެ. މި ނަތީޖާއާއެކު ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑަށް ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ޗެމްޕިއަންސް ލީގުގައި ލިލް އަތުން ބަލިވި މެޗަށްފަހު، ހެރީ ކޭން އާއި ޖަމާލް މުސިއާލާ އަދި މެނުއަލް ނޯޔާ ފަދަ މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ނުލައި ކުޅުނު ބަޔާންގެ ހާލަތު އިތުރަށް ގޯސްވީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޖޯޝުއާ ކިމިކް، އެލެގްޒެންޑާ ރޮސިން-ލެލެސީޓް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނަމަވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނު ބަޔާނަށް މުޅި މެޗުގައިވެސް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ލުއިސް ޑިއާޒް ފޮނުވާލި ނުރައްކާތެރި ބޯޅަ، ހެމްބާގްގެ މާރިއޯ ވުސްކޮވިޗް ވަނީ ބޮލުން ދިފާޢުކޮށްފައެވެ.
މި ނަތީޖާއާއެކު ރަށުން ބޭރުގައި ބަލިނުވެ ބަޔާނުން 32 މެޗު ހަމަކުރި ނަމަވެސް، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ޓީމު ލީގު ފެށި އެންމެ ދަށް ފެށުމަކަށް މި ސީޒަން ވަނީ ވެފައެވެ. އާދީއްތަ ދުވަހު ބަޔާ ލެވަކޫސަން ބަލިކޮށް، ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުޞަތު މިހާރު ޑޯޓްމުންޑަށް ވަނީ ތަނަވަސްވެފައެވެ.






-2bfd3eec.jpg)