ހަމާސްގެ ހަމަލާތައް ވަރުގަދަ، 25 ޔަހޫދީ ސިފައިން ޒަހަމްކޮށްލައިފި
24 ޖުލައި 2025 - 13:48

ހަމާސްގެ ޤައްސާމް ބްރިގޭޑްސްއިން ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްލައިފިއެވެ.
ހަމާސްގެ އަސްކަރީ ގޮފި- ޤައްސާމް ބްރިގޭޑްސްއިން ބުނީ ޣައްޒާގައި ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ އިސްރާއީލު ސިފައިން މަރާލައި އަދި ޒަޚަމްކޮށްލާފައިވާކަމަށެވެ. މި ހަމަލާތައް ދިނީ ގޮވާތަކެތި ބޭނުންކޮށްގެންކަމަށް ހަމާސްއިން ބުނެއެވެ.
މިގޮތުން ރަފާހުގެ އިރުމަތީގައިވާ މަޝްރޫ ސަރަޙައްދުގައި ދިން ހަމަލާއެއް އަމާޒުކޮށްފައިވަނީ 7 މީހުންގެ ގުރޫޕަކަށެވެ.
އަދި ޔަހޫދީ ސިފައިން ފިލާތިބި ގެއަކަށް އަމާޒުކޮށް ހަމަލާއެއްދީފައިވާއިރު ރަފާހުގެ އިރުމަތީގައިވާ އަލް-ޖަނިނާ އަވަށުގައި އުޅުނު ޔަހޫދީންގެ 8 މީހުންގެ ގުރޫޕަކަށްވެސް ވަނީ ހަމަލާތައް ދީފައެވެ.
ހަމަލާތަކުގެ ތެރެއިން ޚާން ޔޫނިސްގެ އުތުރުގައި ހަރަކާތްތެރިވި އިސްރާއީލުގެ ހަތިޔާރު ވެހިކަލަކަށް ހަމަލާދީވެސް ގިނަ ބަޔަކު ވަނީ މަރާލާފައެވެ.
2023 އޮކްޓޯބަރު 7 ވަނަ ދުވަހު ފެށި ހަމަލާތަކަށް މިއަދާއި ހަމައަށް ހުއްޓުމެއް އައިސްފައި ނުވާއިރު، ކޮންމެ ދުވަހަކު ގޮތަކަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދަނީ ދެމުންނެވެ.