ފެންބަލާ ދިޔަ ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި
14 ޖުލައި 2025 - 07:01

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގެ ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދެމުން ދިޔަ ސަރަޙައްދެއްގައި ތިބި ބަޔަކަށް ހަމަލާތަކެއްދީ، އޭގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލައިފިއެވެ.
ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 6 ކުޑަކުދިން ވެސް ހިމެނެއެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ޣައްޒާގެ އެކި ކަންކޮޅުތަކުން 139 މީހުން ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާއިރު ޔަހޫދީން އަންނަނީ ޣައްޒާގެ އުތުރާއި މެދުތެރޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ދެކުނުގައި އޮންނަ ރަފަހަށް ދަތުރުކުރުމަށް މަޖުބޫރުކުރުވަމުންނެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 67 ކުޑަކުދިން ބަނޑުހައިހޫނު ކަމުގައި ޝަހީދުވެފައިވާއިރު ފެންބަލާ ދިޔަ ކުޑަކުދިންތަކެއް ޝަހީދުކޮށްލުމުން މުޅި ދުނިޔޭގެ ފާޑުކިޔުން އަނެއްކާވެސް ވަނީ ޔަހޫދީންނަށް އަމާޒުވެފައެވެ.
އުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ދަވްޙާގައި މުހިންމު މަޝްވަރާތަކެއް ކުރަމުންދާއިރުު، ޣައްޒާއިން ހުރިހާ ޔަހޫދީ ސިފައިން ފޭބުމަކީ ހަމާސްގެ މުހިންމު ޝަރުތެކެވެ. ނަމަވެސް ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައި ވަނީ ޣައްޒާގެ ބިމުގެ 40 އިންސައްތަ އެ މީހުންގެ ބާރުގެ ދާށުގައި ބޭއްވުމަށެވެ.
ޓްރަމްޕްގެ އެންމެ ފަހުގެ ހުށަހެޅި ހުށަހެޅުމުގައި އޮތީ ހަމަލާ ބަދަލު ކުރުން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށެވެ. އަދި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ. ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ.
ޣައްޒާގެ ސިއްހަތު ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަނގުރާމައިގައި 58,026 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 138,520 މީހުންވަނީ ޒަހަމްވެފައެވެ.